އެއް އުޅަނދަށް ވުރެ ގިނަ އުޅަނދު ގެންގުޅޭ ނަމަ "މަލްޓިޕަލް އޯނާޝިޕް ފީ" އެއް ނަގަން ނިންމައިފި

މާލޭގެ މަގުމަތީގެ ޓްރެފިކް
މާލޭގެ މަގުމަތީގެ ޓްރެފިކް. ފޮޓޯ: މިހާރު

އަމިއްލަ ބޭނުމަށް އެއް ބާވަތެއްގެ އެއް އުޅަނދަށް ވުރެ ގިނަ އުޅަނދު ނުވަތަ ޖުމްލަ ދެ އުޅަނދަށް ވުރެ ގިނަ އުޅަނދު ގެންގުޅޭ ފަރާތްތަކުން "މަލްޓިޕަލް އޯނާޝިޕް ފީ" ގެ ނަމުގައި އަހަރީ ފީއެއް ދައްކަންޖެހޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނެސްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ތަޞްދީޤުކުރެއްވި މި އިސްލާހުގެ ދަށުން، މި ފީ ނަގަން ފަށާނީ ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ މުހުލަތެއް ދިނުމަށް ފަހުގައެވެ. މި އިސްލާހަކީ މަގުމަތީގައި އުޅަނދުތައް ގިނަވުން ކޮންޓްރޯލްކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ އުސޫލަކުން ތަރުތީބުކުރުމަށް ގެނައި ބަދަލެކެވެ.

ފީ ކަނޑައަޅާފައިވާ ގޮތް

މި ގާނޫނުގައިވާ ގޮތުން، އަމިއްލަ ފަރުދުންނާއި ކުންފުނިތަކުން ވެސް އެއް ބާވަތެއްގެ އެއް އުޅަނދަށް ވުރެ ގިނަ އުޅަނދު ނުވަތަ ދެ އުޅަނދަށް ވުރެ ގިނަ އުޅަނދު ރަޖިސްޓަރީކުރާ ނަމަ މި ފީ ދައްކަން ޖެހޭނެއެވެ. ފީގެ މިންވަރު ކަނޑައަޅާފައިވަނީ އުޅަނދުގެ އިންޖީނުގެ ކެޕޭސިޓީ ނުވަތަ ސީސީ އަށް ބަލައިގެންނެވެ.

ސައިކަލުތަކަށް ބަލާއިރު، ފީ ނަގާނީ އަންނަަނިވި ރޭޓުތަކުންނެވެ:

  • 50 ސީސީ އަށް ވުރެ ކުދި އުޅަނދު: އަހަރަކު 360 ރުފިޔާ
  • 50 އާއި 100 ސީސީއާ ދެމެދު: އަހަރަކު 720 ރުފިޔާ
  • 100 އާއި 150 ސީސީއާ ދެމެދު: އަހަރަކު 1,296 ރުފިޔާ
  • 150 އާއި 200 ސީސީއާ ދެމެދު: އަހަރަކު 2,304 ރުފިޔާ
  • 200 އާއި 400 ސީސީއާ ދެމެދު: އަހަރަކު 12,960 ރުފިޔާ
  • 400 ސީސީ އަށް ވުރެ މަތީގެ އުޅަނދު: އަހަރަކު 17,280 ރުފިޔާ

މީގެ އިތުރުން ކާރާއި ވޭން އަދި ޖީޕް ފަދަ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް އިންޖީނުގެ ކެޕޭސިޓީއަށް ބަލައި 4,320 ރުފިޔާ އާއި 22,480 ރުފިޔާއާ ދެމެދުގެ އަދަދެއް ފީގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. މުދާ އުފުލާ އުޅަނދުތަކުން ފީ ނަގާނީ އެ އުޅަނދަކަށް އުފުލޭ ބަރުދަނަށް ބަލައިގެން، 3,600 ރުފިޔާ އާއި 15,000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.

މި އާ ފީގެ ސަބަބުން ގިނަ އުޅަނދު ގެންގުޅޭ ފަރާތްތަކަށް މާލީ ގޮތުން ބޮޑު ޒިންމާއެއް އުފުލަން ޖެހޭނެ ކަމަށް ބެލެވެއެވެ. މިއީ މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ