ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި، އެ ތަނެއް ކައުންސިލުގެ އިހުތިސާސުން ވަކިކޮށް ސަރުކާރުގެ ދަށަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
މި އިސްލާހު ބަޔާންކުރާ ގޮތުން، ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލެއްގެ އިހުތިސާސްގައިވާ ބިމެއް ވަކިކުރަން ވަޒީރުންގެ މަޖިލީހުން ނިންމުމާއެކު، އެ ބިމެއް ކައުންސިލުގެ މިލްކިއްޔާތުން ވަކިވެ، ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަނަކަށް ބަދަލުވާނެއެވެ. އަދި އެ ރަށެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިން ވެސް މިފަދަ ބިންތައް ސަރުކާރަށް ނެގުމުގެ ބާރު މި ގާނޫނުން ލިބިދެއެވެ. ނަމަވެސް، އެ ބިމަކަށް ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް ކަމާގުޅުންހުރި ވުޒާރާއަކުން ބަދަލު ދޭންޖެހޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ކައުންސިލް މެންބަރުންގެ ސުލޫކީ މިންގަނޑަށް ވެސް މި އިސްލާހާއެކު ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން، ރައްޔިތުންގެ ޖަމާއީ މަންފާއަށްޓަކައި ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ކައުންސިލަރުން ފުރިހަމައަށް އެއްބާރުލުން ދޭންޖެހޭނެ ކަމަށާއި، މަގުބޫލު ސަބަބެއް ނެތި އެފަދަ ކަންކަމަށް ހުރަސްއެޅުމާއި ހުއްޓުވަން ނިންމުންތައް ނިންމުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
މި ބިލަކީ މިދިޔަ އޯގަސްޓް މަހުގެ 26 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރު ހިންގާ ޕީއެންސީގެ 47 މެންބަރުންގެ ވޯޓާއެކު ފާސްކުރި ބިލެކެވެ. އިދިކޮޅު އެމްޑީޕީން މި ބިލާ ދެކޮޅަށް ވޯޓު ދީފައިވާއިރު، އެ ޕާޓީން ވަނީ މިއީ ލާމަރުކަޒީ ނިޒާމު ބަލިކަށިކޮށް ބިންތައް "ފޭރުމަށް" ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި، މި އިސްލާހުގެ ސަބަބުން ދައުލަތުގެ މަޝްރޫއުތަކަށް ބޭނުންވާ ބިންތައް ކަނޑައެޅުމުގެ އިޖުރާއަތުތައް މިހާރަށްވުރެ ހަރުދަނާވެ، ތަރައްގީގެ މަސައްކަތްތައް އަވަސްވެގެންދާނެއެވެ.