ހުޅުމާލޭގައި ހިނގި ހިތާމަވެރި ދެ ހާދިސާގައި ނިޔާވި ކުދިންގެ އާއިލާތަކަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

large_thumb_1788230509238

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިނގި ދެ ހާދިސާއެއްގައި ދެ ކުޑަކުއްޖަކު ނިޔާވުމާ ގުޅިގެން، އެ ކުދިންގެ އާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ. މިއަދަކީ މުޅި ގައުމަށްވެސް ކުއްލި ސިހުމަކާއި ބޮޑު ހިތާމައެއް ގެނުވި ދުވަހެކެވެ.

ނިޔާވި ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓްތައް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު ނިޔާވި 9 އަހަރުގެ އަންހެން ކުއްޖެކެވެ. ދެވަނަ ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އެއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ސްޓެލްކޯ ފްލެޓެއްގެ މަތިން ވެއްޓި ތުއްތު ކުއްޖަކު ނިޔާވި ހާދިސާއެވެ.

މި ހިތާމަވެރި ދެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މިއަދު ސޯޝަލް މީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ދެ ކުދިން ވަކިވެދިޔަ ހަބަރަކީ މުޅި ގައުމަށްވެސް ލިބުނު ވަރަށް ބޮޑު ހިތާމައެއް އަދި ނުތަނަވަސްކަމެއް ކަމަށެވެ. އަދި އެ ދެ ކުދިންގެ އާއިލާތަކަށް ކެތްތެރިކަން ދެއްވައި، މަރުހޫމުންނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވުން އެދި އެމަނިކުފާނު ދުއާ ކުރެއްވިއެވެ.

ރައީސްގެ މެސެޖުގައި މަގުމަތީގެ ސަލާމަތާއި އުސް އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މުހިންމުކަމުގެ މައްޗަށް ބާރުއަޅުއްވައި ވިދާޅުވީ، މަގުމައްޗާއި އުސް އިމާރާތްތަކުގައި ހިނގާ މިފަދަ ކުއްލި ނުރައްކާތެރި ހާދިސާތަކާ މެދު އާންމުން ހޭލުންތެރިކުރުވުމަކީ މުޅި މުޖުތަމައު ގުޅިގެން ކުރަންޖެހޭ ގައުމީ އަދި އިންސާނީ މަސައްކަތެއް ކަމަށެވެ. ހާއްސަކޮށް އުސް އިމާރާތްތަކުގެ ކުޑަދޮރުތަކާއި، ބެލްކަނި އަދި ރެއިލިން ފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ކަށަވަރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ތުއްތު ކުދިންނާއި ނަފްސާނީ ގޮތުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބެލެހެއްޓުމުގައި އާއިލާތަކާއި އިމާރާތްތައް ބަލަހައްޓާ ފަރާތްތަކުން ގުޅިގެން ޒިންމާދާރު ފިޔަވަޅުތަކެއް އެޅުމަށްވެސް ރައީސް ގޮވާލެއްވިއެވެ. އަދި ސަރުކާރާއި، ކުންފުނިތަކާއި، މަދަނީ ޖަމިއްޔާތަކާއި އެންމެހައި ފަރުދުން ގުޅިގެން، ހާއްސަ އިސްކަމެއް ދީގެން މަގުމައްޗާއި އިމާރާތްތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ