މިފްކޯގެ ޗެއަރޕާސަންގެ މަގާމަށް އަބްދުﷲ ފާއިޒް އައްޔަންކުރައްވައިފި

mifkoage-chearpaasange-magaamah-abdhu-faaiz

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ޗެއަރޕާސަން ކަމުގެ މަގާމަށާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް މއ. ދޭލިޔާގެ އަބްދުﷲ ފާއިޒް އައްޔަންކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ހާމަކުރި ގޮތުގައި، މިފްކޯގެ ބޯޑަށް ފާއިޒް އައްޔަންކުރެއްވީ އެ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. ފާއިޒަކީ ވިޔަފާރި އާއި ފަތުރުވެރިކަމުގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވައި، ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.

މިފްކޯގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ފާއިޒް ވަނީ ދައުލަތުގެ ބޮޑެތި ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވާފައެވެ. އެގޮތުން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޗެއާމަންކަން އޭނާ ކުރެއްވިއެވެ. މީގެ އިތުރުން އަމިއްލަ ބޮޑެތި ކުންފުނިތައް ކަމަށްވާ އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ އާއި ވިލާ ގްރޫޕުގެ އިސް މަގާމުތަކުގައިވެސް އޭނާ ވަނީ މަސައްކަތް ކުރައްވާފައެވެ.

ފާއިޒަކީ ރާއްޖޭގެ ވިޔަފާރިވެރިންގެ ޖަމިއްޔާ (އެމްއެންސީސީއައި) އާއި، މަސީ އަދި ރެސްޓޯރެންޓް އެސޯސިއޭޝަން ފަދަ ޖަމިއްޔާތައް އުފެއްދުމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އަދި ސާކް ޗެމްބަރ އޮފް ކޮމާސްގެ ނައިބު ރައީސްކަން ކުރެއްވުމުގެ އިތުރުން، އޭނާ ވަނީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސްއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ