ދިވެހި ފުލުހުންގެ ޚިދުމަތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި އަބަދުވެސް ހިންމަތާއި އިޚްލާޞްތެރިކަން އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން އިލްތިމާސްކުރެއްވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
މި މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފުލުހުންގެ މުއައްސަސާގައި މިހާރު ޚިދުމަތް ކުރައްވާ ފަރާތްތަކަށާއި، ކުރިން ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. ރައީސް ވިދާޅުވީ ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އިތުރުން، ބައިނަލްއަޤުވާމީ މައިދާނުގައިވެސް ރާއްޖޭގެ އިތުބާރާއި ޤަދަރު ހިފެހެއްޓުމަށްޓަކައި ނުހަނު މުހިންމު ޚިދުމަތެއް ކަމަށެވެ.
ފުލުހުންގެ ޚިދުމަތުގެ ތާރީޚަށް ބަލާއިރު، ރާއްޖޭގައި ރަސްމީ ސިފައެއްގައި މި ޚިދުމަތް ފެށިފައިވަނީ 29 މާރިޗު 1933 ގައެވެ. އެއީ އޭރުގެ ރަދުން އައްސުލްތާން މުޙައްމަދު ޝަމްސުއްދީން (ތިނެއް) "ފުލުހު މީހުންގެ ޤާނޫނު" ތަސްދީޤު ކުރެއްވުމާ ގުޅިގެންނެވެ. އޭގެ ފަހުން ގިނަ އަހަރުތަކެއް ވަންދެން ސިފައިންނާއި ފުލުހުން މަސައްކަތް ކުރަމުން އައީ އެއް މުއައްސަސާއެއްގެ ގޮތުގައެވެ.
ނަމަވެސް، ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެނެވުނު އިޞްލާޙީ ބަދަލުތަކުގެ ތެރެއިން، 1 ސެޕްޓެމްބަރު 2004 ގައި ފުލުހުންގެ ޚިދުމަތަކީ މަދަނީ ވަކި ޚިދުމަތެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހަކީ ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ގޮތުގައި އަންނަނީ ފާހަގަކުރަމުންނެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވަނީ، ފުލުހުންގެ ޢަޒުމާއި ރޫޙު ވަރުގަދަކޮށް، ޤައުމީ އަމާޒުތައް ޙާޞިލުކުރުމުގައި ދެމިތިބުމަށް ބާރުއަޅުއްވާފައެވެ. ފުލުހުންގެ ޚިދުމަތް ހަރުދަނާވުމަކީ މުޅި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.