ހުޅުމާލޭގެ ފޭސް ދޭއްގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖާ ނިޔާވީ، މަގުމައްޗަށް ވެއްޓުނު ވަގުތު ދުއްވާފައި އައި ކާރެއް އެ ކުއްޖާގެ ގައިމައްޗަށް އަރައިގެން ކަމަށް ބެލެވޭތީ އެކަން ކަށަވަރު ކުރުމަށް ފޮރެންސިކް ތަހުލީލުތައް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ ހިތިގަސްމަގު، ވިނަރެސް ޓަވަރު ހަތެއް ކައިރީގައެވެ. އެ ސަރަހައްދުގެ ވީޑިއޯ ފުޓޭޖްތަކާއި ތަހުގީގުން މިހާތަނަށް އެނގިފައިވާ ގޮތުގައި، އެކްސިޑެންޓް ހިނގަން މެދުވެރިވީ މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އޮތް ކާރެއްގެ ޑްރައިވަރު ކާރަށް އަރަން އުޅުމުގެ ތެރޭގައެވެ. އެ ވަގުތު އެ ކާރު އޯވަޓޭކް ކުރަން ދިޔަ ސައިކަލު އެމީހާގެ ގައިގައި ޖެހި، ސައިކަލު ވަނީ ކަނާތްފަރާތު ލޭނަށް ވެއްޓިފައެވެ.
ސައިކަލު ވެއްޓުނު ވަގުތު އެ ލޭނުން ދުއްވާފައި އައި އެހެން ކާރަކަށް ކުއްލިއަކަށް ބްރޭކް ޖައްސައި މަޑުކުރަން ފުރުސަތު ނުލިބި، ސައިކަލުން ވެއްޓުނު ކުޑަކުއްޖާގެ ގައިގައި ޖެހި ނުވަތަ ގައިމައްޗަށް ކާރު އަރާފައިވާ ކަމަށް ތަހުގީގަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާގައި އަނިޔާވި ކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ ފަތިހު ވަނީ ނިޔާވެފައެވެ.
މި މައްސަލައާ ގުޅިގެން އެކްސިޑެންޓުގައި ހިމެނޭ ތިން އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ ތިން އުޅަނދު ދުއްވި މީހުންގެ ލައިސަންސް ވަނީ ހިފަހައްޓާފައެވެ. މީގެ އިތުރުން، މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އޮތް ކާރުގެ ޑްރައިވަރަކީ މީގެ ކުރިން ވެސް ލައިސަންސް ހިފަހައްޓާފައިވާ މީހަކަށް ވާތީ، އޭނާއާ މެދު ގާނޫނީ ފިޔަވަޅު އަޅައި ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 18 އަހަރުގެ އަންހެނަކަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.