މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު" ގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު، 700 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މި މައުރަޒުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތު ހަމަވެފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި، މިފަހަރު ލިބުނު ފޯމުތަކުގެ އަދަދަކީ މިދިޔަ އަހަރުގެ މައުރަޒާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. މިއީ ރާއްޖޭގެ އުފެއްދުންތެރިންނާއި، އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަ ފަރާތްތަކަށް އެމީހުންގެ ހުނަރުތައް ދައްކާލުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި މައުރަޒު އިންތިޒާމުކުރަނީ އިގްތިސާދީ ވުޒާރާއާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގުޅިގެންނެވެ. މައުރަޒު ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 23 އިން 31 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި ހަރަކާތުގައި 16 ދާއިރާއަކުން 73 ކެޓަގަރީއެއްގައި އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުސަތު ވަނީ ދީފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަހަރަކީ އުފެއްދުންތެރިކަމުގެ ގައުމީ އަހަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވާތީ، ބީސީސީން ބުނީ މި މައުރަޒަކީ އުފެއްދުންތެރިންގެ މަސައްކަތްތައް މާކެޓުކުރުމަށް ލިބޭނެ އެންމެ ފަހި މަގަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.