ރާއްޖޭގައި ޙަލާލް ފަތުރުވެރިކަން ފުޅާކުރުމާ ގުޅޭގޮތުން ރައީސް، އައިސީސީޑީއާ މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އާއި އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް ބައްދަލުކުރައްވަނީ ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އާއި އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް ބައްދަލުކުރައްވަނީ ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ޙަލާލް ފަތުރުވެރިކަން ފުޅާކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިސްލާމިކް ޗޭމްބާ އޮފް ކޮމާސް އެންޑް ޑިވެލޮޕްމެންޓް (އައިސީސީޑީ) ގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ޔޫސުފް ޙަސަން ޚަލާވީއާ މިއަދު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ އިގުތިސާދީ ހަރަކާތްތައް ރާއްޖޭގައި ވަރުގަދަކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދެއްކެވިއެވެ. ޚާއްސަކޮށް، ޙަލާލް ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓްމަންޓްތައް އިތުރުކުރުމާއި، އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އައިސީސީޑީއަކީ އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ (އޯއައިސީ) އާ ގުޅިގެން، މުސްލިމް ގައުމުތަކުގެ އިގުތިސާދީ ކުރިއެރުމަށް މަސައްކަތްކުރާ މުހިންމު އިދާރާއެކެވެ. މި ބައްދަލުވުމުގެ ތެރެއިން، ސެކްރެޓަރީ ޖެނެރަލް ވަނީ ރައީސް މުޢިއްޒަށް، އަތުން ލިޔެފައިވާ ކީރިތި ޤުރްއާނުގެ މުޞްޙަފެއް ހަދިޔާކުރައްވާފައެވެ.

ރާއްޖޭގައި ޙަލާލް ޓޫރިޒަމް ތަރައްގީކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން، މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ޙަލާލް ފަތުރުވެރިކަމަށް ޚާއްސަކޮށްގެން ފަސް ރަށެއް ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ހއ. ބިނާފުއްޓާއި، ކަނޑާލިފިނޮޅުގެ އިތުރުން ހދ. މަކުނުދޫ ފަރުން ބައެއް ހިމެނެއެވެ. މީގެ އިތުރުން ށ. ފުށިފަރާއި ލ. ފޮނަގާދޫ ވެސް މި މަޝްރޫއުގެ ދަށުން ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ.

މި ފަދަ މަޝްވަރާތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުވެ، އިސްލާމީ ގައުމުތަކުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުސަތުތައް އިތުރަށް ހާމަވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ