މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ހުޅުމާލޭގައި 1،200 އަށްވުރެ ގިނަ އެކްސިޑެންޓު ހިނގައިފި

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއް. ފޮޓޯ: މިހާރު
ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއް. ފޮޓޯ: މިހާރު

މިއަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ހުޅުމާލޭގައި 1،295 އެކްސިޑެންޓު ހިނގާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ. މިއީ އެ މުއްދަތުގައި މުޅި ރާއްޖެއިން ރިޕޯޓުކޮށްފައިވާ 2،018 އެކްސިޑެންޓުގެ 64 އިންސައްތައެވެ. ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ކޮންމެ މަހަކުވެސް ހުޅުމާލެއިން 200 އަށްވުރެ ގިނަ އެކްސިޑެންޓު ރިޕޯޓުކޮށްފައިވެއެވެ.

އެކްސިޑެންޓުތައް އެންމެ ގިނައިން ހިނގާފައިވަނީ ހުޅުމާލޭ ފޭސް އެކެއްގައެވެ. އެގޮތުން ފޭސް އެކެއްގައި 887 އެކްސިޑެންޓު ހިނގާފައިވާއިރު، ފޭސް ދޭއްގައި ހިނގާފައިވަނީ 408 އެކްސިޑެންޓެވެ. ފުލުހުން ފާހަގަކުރާ ގޮތުގައި އެންމެ ގިނަ އެކްސިޑެންޓުތައް ހިނގަނީ އަލަށް ހަދާފައިވާ ރައުންޑަބައުޓް (ބުރު) ތަކުގައެވެ. މީގެ ތެރެއިން އެމްޑަބްލިއުއެސްސީ ކައިރީގައި އޮންނަ ބުރުގައި 32 އެކްސިޑެންޓު އަދި އެސްޓަރސް ބުރުގައި 26 އެކްސިޑެންޓު ހިނގާފައިވެއެވެ. މީގެ އިތުރުން، އެންމެ ގިނައިން އެކްސިޑެންޓުތައް ހިނގަނީ ހަވީރު 3:00 އާއި 6:00 އާ ދެމެދުގެ ވަގުތުތަކުގައެވެ.

ބުރުތަކުގައި އެކްސިޑެންޓުތައް ގިނައިން ހިނގަން މެދުވެރިވަނީ ދުވެލި މަޑުނުކުރުމާއި ނުބައި ލޭނުތަކުން ދުއްވުމުގެ ސަބަބުން ކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެ އިތުރުން، ބާރަށް ދުއްވުމުގެ ސަބަބުން ކޮންޓްރޯލް ނުވުމާއި، ދުއްވަމުން ފޯނު ބޭނުންކުރުމާއި، ސައިޑް މިރަރއަށް ނުބަލައި އޯވަޓޭކް ކުރުމަކީވެސް އެކްސިޑެންޓުތައް އިތުރުވާ މައިގަނޑު ސަބަބުތަކެވެ. މަގުތަކުގެ ޖާގައަށްވުރެ އުޅަނދުތައް ގިނަވުމާއި، އެކަށީގެންވާ ތަމްރީނާއި ލައިސަންސް ނެތި ދުއްވުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

ހުޅުމާލެ ޓްރެފިކް ޕޮލިހުގެ ހެޑް، ޗީފް އިންސްޕެކްޓަރ އަހުމަދު ހަނީފު ވިދާޅުވީ، މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެކްސިޑެންޓު ގިނައިން ހިނގާ ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކުރަމުންދާ ކަމަށެވެ. އަދި ބުރުތަކުން ދުއްވާނެ ގޮތުގެ ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ހިންގުމަށް ވަނީ ރޭވިފައެވެ. އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް އަބްދުﷲ ވަނީ މަގުމަތީގައި ދުއްވާއިރު އަބަދުވެސް އެހެން މީހުންނަށް ސަމާލުވުމަށާއި، ފަރުދީ ޒިންމާ އަދާކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ