ވިލިމާލޭގައި 100 އެނދުގެ އައު ހޮސްޕިޓަލެއް ބިނާކުރުމަށްޓަކައި، މިހާރު ހުރި ހޮސްޕިޓަލުން ދެމުންދާ ޚިދުމަތްތައް ވަގުތީ އިމާރާތަކަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް މި ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި ފެށުމަށް ތައްޔާރުވެއްޖެއެވެ. މި ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ ކުރީގެ އަމާން ހިޔާ ހުރި އިމާރާތަށެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވި ގޮތުގައި، ވަގުތީ އިމާރާތުގެ ފިނިޝިން މަސައްކަތްތަކާއި ބަލިމީހުން އުފުލާ ލިފްޓެއް ހަރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ޚިދުމަތްތައް ބަދަލުކުރާނީ އާންމުންނަށް ދަތިނުވާނޭހެން ބައިބަޔަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ ބަދަލުކުރާނީ އިމަޖެންސީ ޚިދުމަތްތަކާއި، އޯޕީޑީގެ އިތުރުން ވެކްސިން ޖެހުމުގެ ޚިދުމަތްތަކެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި އިމާރާތްކުރާ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" ވެގެންދާނީ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރާ ޓާޝަރީ ހޮސްޕިޓަލަކަށެވެ. މި މަޝްރޫޢުގެ ދަށުން ދެ އިމާރާތެއް ބިނާކުރާއިރު، އައުޓްޕޭޝަންޓް، އިންޕޭޝަންޓް، އައިސީޔޫ، އަދި ހީމޯޑައިލިސިސް ފަދަ މުހިންމު ޚިދުމަތްތައް އެތަނުން ލިބެން ހުންނާނެއެވެ. މިހާރު މި ހޮސްޕިޓަލުގެ ތަފްސީލީ ކުރެހުންތައް ތައްޔާރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ވިލިމާލޭގެ 15,000 އެއްހާ މީހުންގެ އާބާދީއަށް މިހާރު ހުރި ހޮސްޕިޓަލުން އެކަށީގެންވާ ޚިދުމަތެއް ނުލިބޭތީ، ގިނަ ރައްޔިތުންނަށް ޖެހެނީ މާލޭގެ އައިޖީއެމްއެޗް ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލަށް ބަރޯސާވާށެވެ. އައު ހޮސްޕިޓަލާއެކު މި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.