ރާއްޖޭގެ މަގުތަކުގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ހުއްޓުވުމަށާއި މަގުމަތީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި، އަލަށް ތަސްދީގުކުރި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ހަރުކަށި ފިޔަވަޅުތަކެއް ކަނޑައަޅައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ބިލު ތަސްދީގު ކުރެއްވީ މިދިޔަ ހޯމަ ދުވަހުއެވެ.
މި ގާނޫނުގެ ދަށުން، ލައިސަންސް ނެތް މީހަކާ ނުވަތަ ކުޑަކުއްޖަކާ އުޅަނދެއް ދުއްވަން ހަވާލުކުރުމާއި، ދުއްވަން އިންނަ މީހާ ފަސިންޖަރަކާ ހުންގާނު ހަވާލުކުރުމަކީ މަނާކަމެކެވެ. މިފަދަ އަމަލެއް ހިންގައިފިނަމަ، ކުށުގެ ކުޑަބޮޑުމިނަށް ބަލައި 25,000 ރުފިޔާ އާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެ އަމަލުގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ، ޖޫރިމަނާގެ އަދަދު 50,000 ރުފިޔާއިން ފެށިގެން 100,000 ރުފިޔާއާ ހަމައަށް ބޮޑުވެގެންދާނެއެވެ.
އުޅަނދު ދުއްވަން ހަވާލުކުރީ ކުޑަކުއްޖަކާ ނަމަ، ސީދާ އެންމެ ބޮޑު އަދަބު ކަމަށްވާ 50,000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެކަމުގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ ޖޫރިމަނާގެ އަދަދު 100,000 ރުފިޔާއަށް އަރާނެއެވެ. މީގެ އިތުރުން، ކުށް ސާބިތުވާ މީހުންގެ ލައިސަންސް ދެ އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ހިފެހެއްޓޭނެއެވެ. ލައިސަންސް ނެތް މީހެއް ނަމަ، އެ މުއްދަތުގައި ލައިސަންސް ނެގުން މަނާވާނެ ކަމަށާއި، އަލުން ލައިސަންސް ދޫކުރާނީ ހާއްސަ ތަމްރީނެއް ފުރިހަމަކުރުމުން ކަމަށް ގާނޫނުގައިވެއެވެ.
މި ގާނޫނުގެ ދަށުން މާލޭ ސަރަހައްދުގެ ޓްރެފިކް މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ" ގެ ނަމުގައި ތިން އަހަރު ދުވަހުގެ މުއްދަތަށް ހާއްސަ އޮފީހެއް އުފެއްދުމަށް ވަނީ ނިންމާފައެވެ. އަދި "ނޭޝަނަލް ރޯޑް ސޭފްޓީ ކައުންސިލް" ގެ ނަމުގައި އެޑްވައިޒަރީ ބޯޑެއް އުފައްދައި، މަގުމަތީގެ ސަލާމަތީ ކަންކަން ރަނގަޅުކުރުމަށް ހާއްސަ ފަންޑެއް ވެސް ގާއިމުކުރާނެއެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި އިސްލާހުތަކަކީ މާލޭގެ މަގުތަކާއި ޓްރެފިކް މައްސަލަތަކުގައި މީގެ ކުރިން ކުރެވުނު ތަޖުރިބާތަކުގެ އަލީގައި ގެނެވުނު ބަދަލުތަކެކެވެ. މި ގާނޫނުގެ ސަބަބުން މަގުމަތީގެ ހާދިސާތަކުގައި މީހުންނަށް ލިބޭ ގެއްލުންތަކަށް ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ދައުވާ ކުރުމުގެ ފުރުސަތު ވެސް ފަހިވެގެންދާނެއެވެ.