ފަރުމަސް އާލާކުރުމުގެ ތަމްރީނު ޕްރޮގްރާމުގެ ތިންވަނަ ބުރަށް ފުރުސަތު ހުޅުވާލައިފި

2 ވަނަ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ތެރެއިން. ފޮޓޯ: މިނިސްޓްރީ
2 ވަނަ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ތެރެއިން. ފޮޓޯ: މިނިސްޓްރީ

މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) ގުޅިގެން ކުރިއަށްގެންދާ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަކީ ވޯލްޑް ބޭންކުގެ އެހީގައި ތަންފީޒުކުރަމުންދާ "ޓްރާންސްފޯމް ޕްރޮޖެކްޓް" ގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.

ކ. މަނިޔަފުށީ ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި 14 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 10 އިން 21 ގެ ނިޔަލަށެވެ. ޖުމްލަ 15 ބައިވެރިންނަށް ފުރުސަތު ދޭ މި ތަމްރީނުގައި މެރިކަލްޗަރގެ މުހިންމު ދާއިރާތަކުން އަމަލީ އަދި ތިއަރީ މައުލޫމާތު ފޯރުކޮށްދޭނެއެވެ.

މި ތަމްރީނު ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި އެކްއަކަލްޗަރގެ ނިޒާމުތައް ދެނެގަތުމާއި، ދިރޭ ކަނާ އާލާކުރުމާއި، ފާނައާއި ހުއިފިލަނޑާ އަދި ދިވެހި މާގަނޑުމަސް ވިއްސައި ބޮޑުކުރުން ހިމެނެއެވެ. މީގެ އިތުރުން އިތާމުތް އާލާކުރުމާއި، މޫދުވިނަ ހެއްދުމުގެ ތިއަރީ ބައިތަކާއި، އާލާކުރާ ދިރުންތަކަށް ޖެހޭ ބަލިތައް ދެނެގަނެ ރައްކާތެރިވާނެ ގޮތްތަކުގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަން ވެސް ކިޔަވައިދޭނެއެވެ.

މި ތަމްރީނުގައި ބައިވެރިވާ ފަރާތްތަކުގެ ހުރުމާއި ކެއުން އަދި މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރަންޖެހޭ ދަތުރުތަކުގެ އެންމެހައި އިންތިޒާމުތައް އެމްއެމްއާރްއައި އިން ހަމަޖައްސައިދޭނެއެވެ. ކޯހުގައި ބައިވެރިވާން އެދޭ ފޯމު ހުށަހަޅަންޖެހެނީ މި ސެޕްޓެމްބަރު މަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިންނެވެ. ފޯމު ހުށަހަޅާނީ އެމްއެމްއާރްއައި އަށް ނުވަތަ އެ އިދާރާގެ އީމެއިލް މެދުވެރިކޮށެވެ.

މި ކޯހަށް ކަނޑައެޅިފައިވާ އަދަދަށްވުރެ ގިނައިން ފޯމު ލިބިއްޖެނަމަ، ބައިވެރިން ހޮވުމުގައި އިސްކަންދޭނީ ފޯމު ހުށަހަޅާ ތަރުތީބަށް ބަލައިގެން ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

މި ޕްރޮގްރާމުގެ މަގްސަދަކީ ރާއްޖޭގައި މެރިކަލްޗަރ ސިނާއަތް ކުރިއަރުވައި، ޒުވާނުންނަށާއި އާންމުންނަށް މި ދާއިރާއިން އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްކޮށްދިނުމެވެ. މި އަހަރުގެ ދެވަނަ ބުރުގެ ތަމްރީނުތައް މިދިޔަ އޮގަސްޓް މަހު ވަނީ ބާއްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ