އެލްޖީއޭގެ ހުއްދަ ލިޔުމުން ހޯދައިގެން ނޫނީ ކައުންސިލްތަކަށް މުވައްޒަފުން ނުނެގުމަށް އަންގައިފި

އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ފޮޓޯ: އެލްޖީއޭ
އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ފޮޓޯ: އެލްޖީއޭ

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ލިޔުމުން ދޭ ހުއްދައެއް ލިބިގެން މެނުވީ، ރާއްޖޭގެ އެއްވެސް ކައުންސިލަކަށް އާ މުވައްޒަފުން ނުނެގުމަށް އެ އޮތޯރިޓީން ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް އަންގައިފިއެވެ. މިއީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އެޅި މުހިންމު ފިޔަވަޅެއް ކަމަށް އެލްޖީއޭއިން ބުނެއެވެ.

އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ސޮއިކުރައްވައި ކައުންސިލްތަކަށް ފޮނުއްވި ރަސްމީ ސިޓީއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ދައުލަތުގެ ބަޖެޓުންނާއި ކައުންސިލްތަކުގެ އަމިއްލަ އާމްދަނީން ޚަރަދުކުރާ ގޮތަށް އަލަށް އުފައްދާ ނުވަތަ ހުސްވާ ދާއިމީ މަޤާމުތަކަށް މީހުން އައްޔަންކުރުމުގެ ކުރިން އެލްޖީއޭގެ ހުއްދަ ހޯދަންޖެހޭނެއެވެ. މީގެ އިތުރުން، ކައުންސިލްތަކުގެ ވަގުތީ ބޭނުންތަކަށާއި އެކި މަޝްރޫޢުތަކަށް ނަގާ ކޮންޓްރެކްޓް އަދި ވޭޖް އެމްޕްލޯއިމަންޓްގެ މަޤާމުތަކަށް ވެސް މީހުން ނެގޭނީ އެ އޮތޯރިޓީގެ ހުއްދަ ލިބިގެންނެވެ.

އެ ސިޓީގައި އިތުރަށް ބަޔާންކޮށްފައިވަނީ، ވަގުތީ ބޭނުންތަކަށާއި މަޝްރޫޢުތަކަށް ކޮންޓްރެކްޓް، ވޭޖް، ނުވަތަ ކޮންސަލްޓަންސީ ފަދަ އުޖޫރަދޭ އެއްވެސް ވަޒީފާއަކަށް މީހުން ހޯދުމަށް އިޢުލާން ކުރެވޭނީ ވެސް އެލްޖީއޭގެ ލިޔުމުން ދޭ ހުއްދައަކާ އެކުގައެވެ. އެހެންކަމުން، މި ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކައުންސިލްތަކުގެ އެއްވެސް ވަޒީފާއަކަށް މީހުން ނެގުމުގައި މި އުސޫލަށް ޢަމަލުކުރުމަށް ވަނީ އަންގާފައެވެ.

ލާމަރުކަޒީ ނިޒާމު ހިންގުމަށް ހިނގާ ޚަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ދަނީ ގިނަ ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން، އަތޮޅު ކައުންސިލްތައް އުވައިލުމަށް ނިންމާފައިވާއިރު، ކައުންސިލަރުންގެ އަދަދު މަދުކުރުމަށްޓަކައި ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތްތައް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. މީގެ އިތުރުން، އެލްޖީއޭއިން ވަނީ ކޮންމެ އަތޮޅެއްގައި ޚާއްޞަ އޮފީހެއް ވެސް ގާއިމުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ