ހުޅުމާލޭގައި ހުރި އުސް ޓަވަރުތަކުގެ ކުޑަދޮރުތަކާއި ބެލްކަނިތަކުގައި ރެއިލިން ހަރުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އެންގުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ ފަހަކަށް އައިސް ފުލެޓުތަކުން ކުޑަކުދިން ވެއްޓުމުގެ ހާދިސާތައް އިތުރުވަމުންދާތީއެވެ.
މާލެ ސިޓީ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) އެވެ. އޭނާ ވިދާޅުވީ، އުސް އިމާރާތްތަކުން ކުދިން ވެއްޓޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދަންޖެހޭ ކަމަށާއި، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިފަދަ ޓަވަރުތަކުގެ ބެލްކަނިތަކާއި ކުޑަދޮރުތަކުގައި ރެއިލިން ހަރުކޮށްފައި ހުންނަ ކަމަށެވެ.
މި ހުށަހެޅުން ފާސްވީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ. މީގެ އިތުރުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިނގާ އެކްސިޑެންޓުތައް ގިނަވަމުންދާތީ، ފުލުހުންނާ ގުޅިގެން ޓްރެފިކް ބެލެހެއްޓުން ހަރުދަނާކުރުމަށް އެޗްޑީސީއަށް އެންގުމަށް ވެސް ކައުންސިލުން ވަނީ ނިންމާފައެވެ.
މި ފިޔަވަޅުތައް އެޅުމަށް ނިންމާފައި މިވަނީ، ހުޅުމާލޭގެ ސްޓެލްކޯ ފުލެޓެއްގެ މަތިން ދެ އަހަރުގެ އަންހެން ކުއްޖަކު ވެއްޓި އިއްޔެ މަރުވެފައިވަނިކޮށެވެ. އަދި އޭގެ ކުރީ ދުވަހު އަމާން އުދަރެސް ޓަވަރުން 16 އަހަރުގެ ކުއްޖަކު ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.