ވިސާއާ ނުލައި ތައިލެންޑުގައި ދިވެހިންނަށް 30 ދުވަހު ތިބެވޭ ގޮތް ހަމަޖެހިއްޖެ

ތައިލޭންޑުގެ ސުވަރުނަބޫމީ އެއަރޕޯޓު. ފޮޓޯ: ޖޫރޯ ކްލޭޝް
ތައިލޭންޑުގެ ސުވަރުނަބޫމީ އެއަރޕޯޓު. ފޮޓޯ: ޖޫރޯ ކްލޭޝް

މި ހިނގާ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ވިސާއާ ނުލައި 30 ދުވަހުގެ މުއްދަތަށް އެ ގައުމުގައި ތިބެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ހާމަކޮށްފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ތައިލެންޑް ސަރުކާރުން އެ ގައުމުގެ ވިސާ ސިޔާސަތަށް ގެނައި ބަދަލުތައް މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ރަސްމީކޮށް ގެޒެޓްކޮށްފައިވާ ކަމަށެވެ. އެހެންކަމުން، އަންނަ ސެޕްޓެމްބަރު 15 އިން ފެށިގެން އަމަލުކުރަން ފަށާ އައު އުސޫލުގެ ދަށުން، ދިވެހި ފަތުރުވެރިންނަށް އެއްވެސް ވިސާއަކާ ނުލައި ތައިލެންޑުގައި 30 ދުވަހުގެ މުއްދަތަކަށް މަޑުކުރެވޭނެއެވެ.

މިއަހަރުގެ މެއި މަހުގެ ތެރޭގައި ތައިލެންޑް ސަރުކާރުގެ ކެބިނެޓުން ވަނީ އެ ގައުމުގެ ވިސާ ޕޮލިސީއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ބައެއް ގައުމުތަކުގެ ފަތުރުވެރިންނަށް ވިސާއާ ނުލައި އެ ގައުމުގައި ތިބެވޭ މުއްދަތު ކުރުކުރުމަށް ނިންމި ނިންމުމުގައި، ރާއްޖެ ހިމެނިފައި އޮތީ ވިސާއާ ނުލައި ތައިލެންޑަށް އެތެރެވެ އެންމެ 15 ދުވަހު ތިބެވޭ ގައުމުތަކުގެ ލިސްޓުގައެވެ.

މިކަމާ ގުޅިގެން ދިވެހިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، ޖޫން މަހުގެ 29 ވަނަ ދުވަހު ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ ތައިލެންޑުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ސީހާސަކް ފޫވަންގްގެޓްގޭއޯ އާ ފޯނުން ގުޅުއްވައި، ދިވެހިންނަށް ދޭ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ދެ ގައުމުގެ ޚާރިޖީ ވަޒީރުންގެ ދެމެދުގައި ދެކެވުނު މި ވާހަކަތަކަށްފަހު، ޖުލައި މަހުގެ 14 ވަނަ ދުވަހު ތައިލެންޑް ސަރުކާރުން އެ ގައުމުގެ ވިސާ ޕޮލިސީ އަލުން މުރާޖާކުރިއެވެ. އަދި އެ ނިންމުމުގެ ދަށުން، ދިވެހިންނަށް ވިސާއާ ނުލައި ތައިލެންޑުގައި ތިބެވޭ މުއްދަތު 15 ދުވަހުގެ ބަދަލުގައި 30 ދުވަހަށް އިތުރުކޮށްދީފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ