އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަނީ

އަމާން އުދަރެސް ޓަވަރުތަކެއް. ފޮޓޯ: މިހާރު
އަމާން އުދަރެސް ޓަވަރުތަކެއް. ފޮޓޯ: މިހާރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ސޯޝަލް މީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، މި ދެ ޓަވަރުގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ޓަވަރުތަކުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމާއެކު، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ކުޑަކުދިން ދިރިއުޅޭ އެޕާޓްމަންޓްތައް ވަކިން ފާހަގަކޮށް، އެފަދަ އާއިލާތަކަށް ބޭނުންވާ އިތުރު ރައްކާތެރިކަން ފޯރުކޮށްދިނުން ކަމަށް ހަމްދާން ވިދާޅުވިއެވެ.

އަޅަން ނިންމާފައިވާ މުހިންމު ފިޔަވަޅުތައް:

  • ހާއްސަ ޔުނިޓުތައް ފާހަގަކުރުން: ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދިރިއުޅޭ އެޕާޓްމަންޓްތައް ވަކިން ފާހަގަކޮށް، ކުރު މުއްދަތެއްގެ ތެރޭގައި އެ ފަރާތްތަކަށް އިސްކަންދީގެން ހިދުމަތްތައް ފޯރުކޮށްދިނުން.
  • އިތުރު ސަލާމަތީ ވަސީލަތްތައް ގާއިމުކުރުން: ހުރިހާ ޔުނިޓެއްގައިވެސް ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން އަޅަންޖެހޭ ސަލާމަތީ ވަސީލަތްތައް ގާއިމުކުރުން.
  • އިސްކަންދޭ ތަރުތީބުން ހިދުމަތް ދިނުން: އެންމެ ބޮޑަށް އިސްކަންދޭންޖެހޭ ޔުނިޓުތައް ފާހަގަކޮށް، އެ ތަންތަނަށް އަވަހަށް ސަލާމަތީ އިތުރު އިންތިޒާމުތައް ހަމަޖެއްސުން.

މި ފިޔަވަޅުތަކުގެ ސަބަބުން ހައުސިންގ ކޮމްޕްލެކްސްތަކުގައި ދިރިއުޅޭ އާއިލާތަކަށް ރައްކާތެރި އަދި އަމާން މާހައުލެއް ކަށަވަރުވެގެންދާނެ ކަމަށް އެފްޑީސީން ބުނެއެވެ. މި ދެ ޓަވަރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އެފްޑީސީން ވަނީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ވެސް ކޮށްފައެވެ.

ފްލެޓްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ މަސައްކަތް އަވަސްކޮށްފައި މިވަނީ، ހުޅުމާލޭގައި ހުންނަ ސްޓެލްކޯ ފްލެޓެއްގެ 12 ވަނަ ބުރިން ވެއްޓި 2 އަހަރުގެ ކުއްޖަކު ދާދިފަހުން ނިޔާވެފައިވާ ދަނޑިވަޅެއްގައެވެ. މި ހާދިސާއާ ގުޅިގެން އުސް އިމާރާތްތަކުގެ ސަލާމަތީ ކަންކަމަށް އޮތް ސަމާލުކަން ވަނީ އިތުރުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ