ފުލުހުންގެ ދުވަސް ފާހަގަކުރުމަށް ހޮނިހިރު ދުވަހު މާލޭގައި ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

ޢީދު ހަވީރު 1447 ގައި ފުލުހުންގެ ފަރާތުން ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން. ފޮޓޯ: ޕޮލިސް
ޢީދު ހަވީރު 1447 ގައި ފުލުހުންގެ ފަރާތުން ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން. ފޮޓޯ: ޕޮލިސް

މިއަހަރުގެ ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގައި ހާއްސަ ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ނިންމައިފިއެވެ. މި ހަރަކާތް ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ސޯޝަލް ސެންޓަރު ސަރަހައްދުގައެވެ.

ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި، މިއީ އާއިލާތަކާއި ކުޑަކުދިންނަށް ބައިވެރިވެވޭ ގޮތަށް ޝައުގުވެރި ގިނަ ހަރަކާތްތަކަކާއެކު ރާވާފައިވާ ހަވީރެކެވެ. ފުލުހުންނާއެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ލިބޭ މި ހަރަކާތުގައި ވީހާވެސް ގިނަ އާއިލާތަކުން ބައިވެރިވުމަށް ފުލުހުން ވަނީ ދައުވަތު އަރުވާފައެވެ.

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ހަރަކާތްތައް މާލޭގައި ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 5 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 6:00 ގައި ބާއްވާ "އެކުވެރިކަމުގެ ހިނގާލުން" އިންނެވެ. މީގެ އިތުރުން، އެ ދުވަހުގެ ރޭގަނޑު 8:30 އިން 11:00 އަށް ފުލުހުންނާއި އެ ފަރާތްތަކުގެ އާއިލާތަކަށް ހާއްސަކޮށްގެން "ބްލޫސް ފެމިލީ ނައިޓް" ވެސް ކުރިއަށްދާނެއެވެ.

މި މުނާސަބަތުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ތާވަލުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ޕޮލިސް ކޮމާންޑްތަކުން ވެސް މި ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން އަތޮޅުތަކުގައި "ޕޮލިސް ވޯކް އެންޑް ޓޯކް" ޕްރޮގްރާމްތަކާއި، ކުޑަކުދިންގެ ހަވީރު އަދި އެކުވެރިކަމުގެ ހިނގާލުންތައް ކުރިއަށް ގެންދާނެއެވެ.

ފުލުހުންގެ ހިދުމަތުން ބުނި ގޮތުގައި، މި ހުރިހާ ހަރަކާތްތަކެއްގެ މައިގަނޑު މަގުސަދަކީ ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމާއެކު، ފުލުހުންނާއި އެ ފަރާތްތަކުގެ އާއިލާތަކުގެ އިތުރުން މުޅި މުޖުތަމައާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ