ރާއްޖެއަށް ބޭސް މެދުނުކެނޑި ފޯރުކޮށްދިނުމަށް ސްޓޭޓް ފާމާއިން ޕާކިސްތާނުގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ސްޓޭޓް ފާމާއިން ހިރާނިސް ފާމަސޫޓިކަލްސްއާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ސްޓޭޓް ފާމާއިން ހިރާނިސް ފާމަސޫޓިކަލްސްއާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: އެމްއެމް

ދިވެހިރާއްޖެއަށް ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭހުގެ ބާވަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ސްޓޭޓް ފާމާއިން ޕާކިސްތާނުގެ ހިރާނިސް ފާމަސޫޓިކަލްސް ޕްރައިވެޓް ލިމިޓެޑާއެކު ޑިސްޓްރިބިއުޓަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސްޓޭޓް ފާމާގެ ބައިނަލްއަގުވާމީ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ވަރުގަދަކޮށް ފުޅާކުރުމަށްޓަކައި އެޅުނު މި ފިޔަވަޅަކީ، ރާއްޖޭގައި އިތުބާރު ހުރި ސަޕްލައި ޗެނަލްތަކެއް ގާއިމުކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭހުގެ ބާވަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އަދި އެއްވެސް ދަތިކަމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި ބޭސް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ވަރުގަދަކުރުމަކީވެސް މި އެއްބަސްވުމުގެ މުހިންމު ބޭނުމެއްކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ހިރާނިސް ފާމަސޫޓިކަލްސްއަކީ ބައިނަލްއަގުވާމީ މާކެޓުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އަންނަ، ޕާކިސްތާނުގެ މަޝްހޫރު ބޭސް އުފައްދާ ކުންފުންޏެކެވެ. ދިވެހިރާއްޖޭގެ އިތުރުން ފިލިޕީންސް އަދި އަފްޣާނިސްތާން ހިމެނޭހެން އޭޝިއާގެ ގިނަ ގައުމުތަކަކަށާއި ދުނިޔޭގެ އެކި މާކެޓްތަކަށްވެސް އެ ކުންފުނީގެ އުފެއްދުންތައް އަންނަނީ ފުޅާ ދާއިރާއެއްގައި ސަޕްލައިކުރަމުންނެވެ.

މި އެއްބަސްވުމާއެކު ރާއްޖޭގެ ބޭހުގެ ސިނާއަތަށާއި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް ތާށިކަމެއް ނެތި ލިބުމަށް މަގުފަހިވެގެންދާނެ ކަމަށް ސްޓޭޓް ފާމާއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ