ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނުގެ ދަށުން، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެ އިސްވެރިޔާ ނުވަތަ ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ޑރ. އަހުމަދު ރިޔާޒް އައްޔަންކުރައްވައިފިއެވެ.
ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ޑރ. ރިޔާޒް އެ މަގާމަށް އައްޔަންކުރައްވާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 23 ވަނަ ދުވަހުން ފެށިގެންނެވެ. މި އައްޔަންކުރެއްވުމާ ގުޅިގެން އެ އިދާރާއިން ވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ.
ރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު ބުނާގޮތުން، ބިއުރޯގެ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މާލީ ކަންކަމާ ބެހޭ ވަޒީރެވެ. އަދި ބިއުރޯގެ އިދާރީ އަދި ފަންނީ މަސައްކަތްތައް ޗީފް ސްޓެޓިސްޓީޝަން ކުރިއަށް ގެންދަވާނީ މާލީ ވަޒީރުގެ އިރުޝާދާއި ލަފާގެ މަތިންނެވެ.
މި ގާނޫނުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމެވެ. މީގެ އިތުރުން، ގައުމުގެ އިގްތިސާދީ، އިޖުތިމާއީ އަދި ތިމާވެށީގެ ހާލަތު ދެނެގަތުމަށް ބޭނުންވާ މުހިންމު މައުލޫމާތުތައް އެއްކޮށް، އިތުބާރު ހުރި ގޮތެއްގައި އާންމުކުރުމަކީވެސް މި ގާނޫނުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތެކެވެ.