ރާއްޖޭގެ 5 މިލިއަން ގަސް އިންދުމުގެ ގައުމީ މަޝްރޫއަށް އެއްބާރުލުން ދިނުމުގެ ގޮތުން، އިންޑިއާގެ ކެރެލާ ސްޓޭޓް ސަރުކާރުން ދިވެހިރާއްޖެއަށް 1،200 ގަސް ހަދިޔާކޮށްފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފައްޓަވާފައިވާ ތިމާވެށި ފެހިކުރުމުގެ ހާއްސަ ހަރަކާތަށް އެހީތެރިވުމަށް އިންޑިއާ ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން ފޮނުވި ގަސްތަކެކެވެ.
މި މަޝްރޫއަށް ގަސް ފޮނުވައިދީގެން އެހީތެރިވެދެއްވާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ވައުދުވެވަޑައިގެންފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މިކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ކެރެލާ ސަރުކާރުން ހަދިޔާކުރި މި ގަސްތަކުގެ ތެރޭގައި ހިމެނެނީ 600 އަނބުގަހާއި 600 ހައިވަކަރު ގަހެވެ. މި ގަސްތައް ހަދިޔާކުރުމުގެ ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ ކެރެލާގެ ފޮރެސްޓް މިނިސްޓަރު ޝިބޫ ބޭބީ ޖޯން އިސްވެ ހުންނަވައެވެ. އިންޑިއާގެ ކެރެލާ ފޮރެސްޓް ޑިޕާޓްމަންޓުން ހަދިޔާކުރި މި ގަސްތަކާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓްގެ ކޮންސުލް ޖެނެރަލް ޝިފާނާއެވެ.
ސަރުކާރުން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށާއި، ރަށްތައް ފެހިކޮށް މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ފަށާފައިވާ މުހިންމު މަޝްރޫއެކެވެ.