އުމްރާއަށް ނުގެންގޮސް ލަނޑުދިން 6 މީހަކަށް 1.5 ލައްކައަށްވުރެ ގިނަ ރުފިޔާ ހަފްތާއެއްތެރޭ ދައްކަން އަސްކޮއި ގްރޫޕަށް އަމުރުކޮށްފި

ޖަސްޓިސް ބިލްޑިންގ. ފޮޓޯ: ވަން
ޖަސްޓިސް ބިލްޑިންގ. ފޮޓޯ: ވަން

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ އެކި މީހުންގެ އަތުން ފައިސާ ނެގުމަށްފަހު އުމްރާއަށް ނުގެންގޮސް ޚިޔާނާތްތެރިވި މައްސަލައިގައި، ހަ މީހެއްގެ އަތުން ނެގި 155،700 ރުފިޔާ އެއް ހަފްތާގެ ތެރޭގައި އަނބުރާ ދެއްކުމަށް އަސްކޮއި ޓްރެވަލް ސާވިސަސް އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައަކީ ގދ. ތިނަދޫގެ ދެ އާއިލާއަކަށް ނިސްބަތްވާ މީހުންނާއި މާލޭގެ އާއިލާއަކަށް ނިސްބަތްވާ ހަތަރު މީހުން ހިމެނޭހެން ޖުމްލަ ހަ މީހެއްގެ އަތުން ފައިސާ ނެގުމަށްފަހު ފިލި މައްސަލައިގައި، އަސްކޮއި ޓްރެވަލް ސާވިސަސް އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަޝީދާ ދެކޮޅަށް ހުށަހެޅި ދައުވާއެކެވެ. ދައުވާކުރި ފަރާތްތަކުން ވަނީ އުމްރާގެ ޚަރަދުގެ އިތުރުން ޝަރީއަތަށް ހިނގި ޚަރަދުގެ ގޮތުގައި 42،000 ރުފިޔާ ނަގައިދިނުމަށްވެސް އެދިފައެވެ.

ސިވިލް ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވަނީ، އުމްރާއަށް ދެއްކި ފައިސާ ހަތް ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް ކުންފުންޏާއި މެނޭޖިން ޑިރެކްޓަރު ޝަރީއަތުގައި އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް، ޝަރީއަތުގެ ޚަރަދުގެ ގޮތުގައި ހިނގި ފައިސާއަކީ ދައުވާލިބޭ ފަރާތުގެ ކިބައިން ނަގައިދެވޭނެ ފައިސާކަން ސާބިތުނުވާތީ، އެ ފައިސާ ނަގައިދެވޭނެ ޤާނޫނީ ހަމައެއް ނެތް ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.

މީގެ ކުރިންވެސް އަސްކޮއި ގްރޫޕުން ވަނީ ގިނަ ބަޔަކަށް މިފަދަ ލަނޑުތަކެއް ދީފައެވެ. އެގޮތުން ޖުމްލަ 28 މީހެއްގެ އަތުން ބޮލަކަށް 25،500 ރުފިޔާގެ މަގުން 714،000 ރުފިޔާ ނަގައި، އުމްރާއަށް ނުގެންދިޔަ މައްސަލައެއް ފެންމަތިވުމުން އިސްލާމިކް މިނިސްޓްރީން ވަނީ އެ ކުންފުނީގެ ހުއްދަ ބާތިލުކޮށްފައެވެ. އަދި އެ ކުންފުންޏަށާއި އޭގެ ހިއްސާދާރުން ހިމެނޭ އެހެން އެއްވެސް ކުންފުންޏަކަށް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިނުމަށްވެސް މިނިސްޓްރީން ވަނީ ނިންމާފައެވެ.

މީގެ އިތުރުން، މިއަހަރުގެ ފެބްރުއަރީ މަހުވެސް އެހެން އާއިލާއަކުން ކުރި ދައުވާއަކާ ގުޅިގެން 185،000 އަށްވުރެ ގިނަ ރުފިޔާ އަނބުރާ ދެއްކުމަށް ސިވިލް ކޯޓުން ވަނީ އަސްކޮއި ގްރޫޕުގެ މައްޗަށް ޙުކުމްކޮށްފައެވެ. އަބްދުﷲ ރަޝީދާއި އަހްމަދު ސަނިލް އިސްކޮށް ތިބޭ އަސްކޮއި ޓްރެވަލް ސާވިސްގެ އިތުރުން، އެ ފަރާތްތަކުން ވަނީ "އަސްކޮއި ހައްޖު އުމްރާ ގްރޫޕް" ގެ ނަމުގައިވެސް ކުންފުންޏެއް ރަޖިސްޓްރީކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ