ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައިވާ އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް ފަށާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.
މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ މަތީން، އާންމު ރައްޔިތުން ދިރިއުޅޭ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
އެޗްޑީސީން ބުނި ގޮތުގައި، މި މަސައްކަތުގެ ދަށުން އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީ ރެއިލިންގ ފަދަ ތަންތަން ހުރީ ކަނޑައެޅިފައިވާ ގަވައިދުތަކާ އެއްގޮތަށްތޯ ބަލައި ފާސްކުރާނެއެވެ. އަދި އެފަދަ ތަންތަން ގަވައިދަށް ފެއްތުމަށް ނުވަތަ މަރާމާތުކުރުމަށް ބޭނުންވާ އެހީތެރިކަން، އެ ކޯޕަރޭޝަނުގެ އިޖުތިމާޢީ ޒިންމާ (ސީއެސްއާރު) ގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.
އިމާރާތްތަކުގެ ރައްކާތެރިކަމާ ގުޅޭގޮތުން މަރާމާތެއް ބޭނުންވާ ފަރާތްތަކުން، މި މަހުގެ 30 ވާ ބުދަ ދުވަހުގެ ކުރިން އެ މައުލޫމާތު ހިއްސާކުރުމަށް އެޗްޑީސީން ވަނީ އެދިފައެވެ. މިކަމަށްޓަކައި ޚާއްޞަ ގޫގަލް ފޯމެއް އެ ކުންފުނިން މިހާރު ވަނީ އާންމުކޮށްފައެވެ. ލިބޭ ހުށަހެޅުންތަކަށް ބަލައި، އިސްކަންދޭންޖެހޭ ކަންކަން ދެނެގަތުމަށްފަހު އަމަލީ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
ހުޅުމާލޭގެ އިމާރާތްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ މަސައްކަތް ފަށާފައި މިވަނީ، ދާދިފަހުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ސްޓެލްކޯ ފްލެޓެއްގެ 12 ވަނަ ބުރިން ކުޑަކުއްޖަކު ވެއްޓި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެންނެވެ. މި ހާދިސާއާ ގުޅިގެން އާންމުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައި، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވެސް ވަނީ އެ ކުންފުނީގެ ޓަވަރުތަކުގެ ސޭފްޓީ ސާވޭއެއް ފަށާފައެވެ.
އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވި ގޮތުގައި، އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަކީ އެ ކުންފުނީގެ މުހިންމު އަމާޒެކެވެ. ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތްތަކުގެ މައިގަނޑު ބޭނުމަކީ، އިމާރާތްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް، ޚާއްޞަކޮށް ކުޑަކުދިންނަށް ރައްކާތެރި މާޙައުލެއް ކަށަވަރުކޮށްދިނުމެވެ.