ފަހި ދިރިއުޅުން ކޯޕަރޭޝަނުން "އަމާން" ޓަވަރުތަކުގައި ސަލާމަތީ ސާވޭއެއް ފަށައިފި

އެފްޑީސީން ހުޅުމާލޭގައި ތަރައްގީކުރި ހައުސިން ޔުނިޓްތައް. ފޮޓޯ: އެޗްޑީސީ
އެފްޑީސީން ހުޅުމާލޭގައި ތަރައްގީކުރި ހައުސިން ޔުނިޓްތައް. ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ހާއްސަ ސޭފްޓީ ސާވޭއެއް މިއަދު ފަށައިފިއެވެ.

އެފްޑީސީން މައުލޫމާތު ދީފައިވާ ގޮތުގައި މި ސާވޭގެ މައިގަނޑު ބޭނުމަކީ އެ ޓަވަރުތަކުގައި ދިރިއުޅޭ ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ހިމެނޭ ޔުނިޓުތައް ދެނެގަތުމެވެ. މީގެ ސަބަބުން ކުއްލި ހާލަތްތަކުގައި އެ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެންމެ ފުރިހަމައަށް ކަށަވަރުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަސައްކަތުގެ ތެރެއިން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވަނީ މިއަދު ބައެއް ފްލެޓްތަކަށް ޒިޔާރަތްކުރައްވައި، އެ ތަންތަނުގައި ދިރިއުޅޭ އާއިލާތަކާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުންތަކުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައި، ސަލާމަތީ ގޮތުން އިތުރަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ހަމްދާން ވިދާޅުވީ އެ ކުންފުނިން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ. އަދި މި ސާވޭގެ ސަބަބުން ޓަވަރުތަކުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސާވޭގެ އިތުރުން، އެމްއެންޑީއެފްއާ ގުޅިގެން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާ ގުޅޭ ހާއްސަ ހޭލުންތެރިކުރުމުގެ ސެޝަނެއް މާދަމާ ރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޝަންގައި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކާއި، ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކުގެ މައުލޫމާތު ދިނުމަށް ވަނީ ނިންމާފައެވެ.

އެފްޑީސީން ވަނީ އަމާން ޓަވަރުތަކުގައި ދިރިއުޅޭ ވީހާވެސް ގިނަ ރައްޔިތުން މި ހަރަކާތުގައި ބައިވެރިވުމަށް އެދިފައެވެ. މިފަދަ ހަރަކާތްތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ މުހިއްމު މަސައްކަތްތަކެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ