ކުޑަކުދިންނަކީ އަގުހުރި އަމާނާތެއް، އެކުދިން ރައްކާތެރިކުރުމަކީ މުޅި މުޖުތަމައުގެ ވާޖިބެއް: ހުކުރު ހުތުބާ

އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާދެނީ. ފޮޓޯ: މިޙާރު
އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާދެނީ. ފޮޓޯ: މިޙާރު

"ކުޑަކުދިންގެ ހައްގުތައް" މި މައުޟޫއަށް މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ހުތުބާގައި ބުނީ، ކުޑަކުދިންނަކީ މާތްﷲ އެކުދިންގެ މައިންބަފައިންނާ ހަވާލުކުރައްވާފައިވާ އަގުހުރި އަމާނާތެއް ކަމަށެވެ. އަދި ހުރިހާ ވަގުތެއްގައިވެސް މި މަތިވެރި އަމާނާތަށް ރައްކާތެރިވުމަކީ މައިންބަފައިންނާއި މުޅި މުޖުތަމައުގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމަށް ހުތުބާގައި ފާހަގަކުރިއެވެ.

ހުތުބާގައި ބުނި ގޮތުގައި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބައިނަލްއަގުވާމީ މުއާހަދާތަކާއި ގާނޫނުތައް ވުޖޫދަށް އައުމުގެ މާ ކުރިން، އިސްލާމީ ޝަރީއަތުގައި ވަނީ އެ ހައްގުތައް އެންމެ ފުރިހަމައަށް ކަށަވަރުކޮށްދީފައެވެ. ކުދިންނަށް ބޭނުންވާ ހިމާޔަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ލިބޭނީ ހަރުދަނާ އާއިލާއެއްގެ ތެރެއިން ކަމަށާއި، އާއިލާއެއް ބިނާކުރުމުގައި ކީރިތި ރަސޫލާ ﷺ ގެ އިރުޝާދުތަކަށް ބޯލެނބުމަށް ހުތުބާގައި ގޮވާލިއެވެ. މީގެ އިތުރުން، ކުއްޖަކު އުފަންވުމުން ރިވެތި ނަމެއް ކިޔުމަކީވެސް އެކުއްޖާގެ ހައްގެއް ކަމަށް ބުންޏެވެ.

ކުޑަކުދިންނަށް ލިބިދޭންޖެހޭ ހައްގުތަކުގެ ތެރޭގައި އަނިޔާވެރިކަމާއި، ތަފާތުކުރުންތަކާއި، ގަނާކުރުން ފަދަ ކަންކަމުން އެކުދިން ސަލާމަތްކުރުން ހިމެނޭ ކަމަށް ހުތުބާގައި ބުންޏެވެ. އަދި ދަރިން ތަރުބިއްޔަތު ކުރުމުގައި އިލްމާއި އަހުލާގުގެ އިތުރުން ރޫހާނިއްޔަތު ވަރުގަދަކުރުން މުހިންމު ކަމަށާއި، ފަރުޟު ފަސް ނަމާދަށް ދަރިން އަހުލުވެރިކުރުވުމަކީ މައިންބަފައިންގެ ވާޖިބެއް ކަމަށްވެސް ބުންޏެވެ.

މުޖުތަމައުގައި ކުޑަކުދިންނަށް އިހުމާލުވެ، ލާއިންސާނީ އަނިޔާކުރާ މީހުން އުޅޭކަމީ ހިތާމަހުރި ކަމެއް ކަމަށާއި، އޭގެ ތެރޭގައި އެކުދިންގެ މައިންބަފައިން ހިމެނޭކަމީ އިތުރަށް ހިތްދަތިވާ ކަމެއް ކަމަށް ހުތުބާގައި ފާހަގަކުރިއެވެ. އެހެންކަމުން، ކުޑަކުދިންނަށް އިހުމާލުވެ އަނިޔާވެރިވާ ފަރާތްތަކަށް އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުތަކުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ހުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ