ސިންގަޕޫރު ސީފުޑް އެކްސްޕޯއިން ބޭނުންވި ލަނޑުދަނޑިތައް ހާސިލުވެއްޖެ ކަމަށް މިފްކޯއިން ބުނެފި

"ސީފުޑް އެކްސްޕޯ އެޝިއާ 2026" ގައި މިފްކޯގެ ސްޓޯލް. ފޮޓޯ: މިފްކޯ
"ސީފުޑް އެކްސްޕޯ އެޝިއާ 2026" ގައި މިފްކޯގެ ސްޓޯލް. ފޮޓޯ: މިފްކޯ

ސިންގަޕޫރުގައި ކުރިއަށްދިޔަ "ސީފުޑް އެކްސްޕޯ އެޝިއާ 2026" ގައި ބައިވެރިވެ، ކަނޑައެޅި މަޤްޞަދުތައް ފުރިހަމައަށް ޙާޞިލުވެފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކޮށްފިއެވެ.

މި މަހުގެ 2 އިން 4 އަށް ކުރިއަށްދިޔަ މި މައުރަޒަކީ ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ބައިނަލްއަޤްވާމީ ބާޒާރުގައި އިޝްތިހާރު ކުރުމަށް ލިބުނު މުހިންމު ފުރުޞަތެކެވެ.

މިއަހަރު ބޭއްވުނީ މި އެކްސްޕޯގެ 14 ވަނަ އެޑިޝަނެވެ. މިފްކޯއިން ބުނި ގޮތުގައި، މި މައުރަޒުގައި އެ ކުންފުނިން ބައިވެރިވީ ކަށަވަރުކުރެވިފައިވާ އެކްޓިވް ބަޔަރުންގެ ލިސްޓަކަށް ބަލައިގެންނެވެ. މީގެ ސަބަބުން، އާންމުކޮށް ޒިޔާރަތްކުރާ މީހުންގެ ބަދަލުގައި، ސީދާ ދިވެހި މަހުގެ އުފެއްދުންތައް ގަތުމަށް ޝައުޤުވެރިވާ ވިޔަފާރިވެރިންނާ ބައްދަލުކޮށް މަޝްވަރާ ކުރުމުގެ ފުރުޞަތު އެ ކުންފުންޏަށް ލިބިގެންދިޔައެވެ.

މި އެކްސްޕޯގެ ތެރެއިން ޖަޕާން، ޗައިނާ، މެދުއިރުމަތި އަދި ސިންގަޕޫރުގެ ގަންނަ ފަރާތްތަކަށް ދަޅުމަހާއި ޕައުޗް މަސް ސަޕްލައި ކުރުމަށް އެކަށީގެންވާ ފުރުޞަތުތަކެއް ހޯދިފައިވާ ކަމަށް މިފްކޯއިން ފާހަގަކުރެއެވެ. މީގެ އިތުރުން، ވާދަވެރި ޤައުމުތަކުން ގެންގުޅޭ އަގުތަކާއި، ޕެކޭޖިންގ އަދި ޕްރޮމޯޝަނަލް ސްޓްރެޓެޖީތައް ދެނެގަނެ، މާކެޓް ރިސަރޗްގެ މުހިންމު މަޢުލޫމާތުތަކެއް ވެސް މިފްކޯއަށް ވަނީ ލިބިފައެވެ.

ދުނިޔޭގެ ސީފުޑް މާރކެޓަށް އަންނަ ބަދަލުތަކަށް ސަމާލުކަންދީގެން، މުހިންމު އެކްސްޕޯޓް މާރކެޓްތަކުގައި ކުންފުނީގެ ދައުރު ފުޅާކުރުމަށް މިފްކޯއިން ދަނީ މަސައްކަތް ކުރަމުންނެވެ. މިފަދަ ބައިނަލްއަޤްވާމީ މަންސަތަކުގައި ބައިވެރިވުމަކީ ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް އިތުރަށް ކުރިއަރުވައި، އެކްސްޕޯޓް ވިޔަފާރި ފުޅާކުރުމަށް ހުޅުވިގެންދިޔަ މުހިންމު ދޮރެއް ކަމަށް އެ ކުންފުނިން ޤަބޫލުކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ