ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން އަދި އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރު ނަމާލް ރާޖަޕަކްސަ، ކޮރަޕްޝަންގެ ބޮޑު މައްސަލައެއްގައި އެ ޤައުމުގެ އެންޓި-ކޮރަޕްޝަން އޮތޯރިޓީން ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 2013 ވަނަ އަހަރު ސްރީލަންކަން އެއަރލައިންސަށް އެއަރބަސް މަތިންދާބޯޓު ގަތުމަށް ހިންގި 2.3 ބިލިއަން ޑޮލަރުގެ މުޢާމަލާތާ ގުޅިގެންނެވެ.
މި މައްސަލައަކީ ވިލާތުގެ އެއަރބަސް ކުންފުނިން ލަންކާ ސަރުކާރުގެ އިސް މަސްއޫލުވެރިންނަށާއި ސިޔާސީ ބޭފުޅުންނަށް ބޮޑެތި ޢަދަދުތަކުން ރިޝްވަތު ދީފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. ބައިނަލްއަޤުވާމީ އިދާރާތަކުން ހިންގި ތަޙުޤީޤުތަކުން ހާމަވެފައިވާ ގޮތުގައި، އެއަރބަސް ކުންފުނިން ވަނީ 16 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ދިނުމަށް އެއްބަސްވެފައެވެ. މީގެ ތެރެއިން 1.7 މިލިއަން ޑޮލަރު އެއަރލައިންގެ ކުރީގެ ސީއީއޯ ކަޕިލާ ޗަންދުރަސޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ތަޙުޤީޤަށް ވަނީ އެނގިފައެވެ.
މި މައްސަލައިގެ ތަޙުޤީޤުގައި ޗަންދުރަސޭނާ ކުރިން ބުނެފައިވަނީ، 2013 ވަނަ އަހަރު ތިން ފަހަރެއްގެ މަތިން ޖުމްލަ 60 މިލިއަން ރުޕީސް ރާޖަޕަކްސައަށް ދީފައިވާ ކަމަށެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ ބަޔާނަކީ މަޖުބޫރުކޮށްގެން ހޯދާފައިވާ ބަޔާނެއް ކަމަށް ބުނެ އެ ވާހަކަ އަނބުރާ ގެންގޮސްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ މޭ މަހުގެ ތެރޭގައި ޗަންދުރަސޭނާ ވަނީ ކުއްލި ގޮތަކަށް މަރުވެފައި އޮއްވާ ފެނިފައެވެ.
ރާޖަޕަކްސަ އާއިލާއިން މި ހުރިހާ ތުހުމަތުތަކެއް ދޮގުކުރެއެވެ. އެ އާއިލާއިން ބުނަމުންދަނީ މިއީ ސިޔާސީ ބޭނުމެއްގައި ކުރަމުންދާ ކަމެއް ކަމަށެވެ. ސްރީލަންކާގެ ޤައުމީ އެއަރލައިނަށް މިހާތަނަށް 2 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާއިރު، އެ ކުންފުނި އަމިއްލަ ފަރާތްތަކަށް ވިއްކާލުމަށް ސަރުކާރުން ކުރި މަސައްކަތްތައް ވެސް ވަނީ ނާކާމިޔާބުވެފައެވެ.