ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅެމުންދާ 1.86 މިލިޔަނެއްހާ ރައްޔިތުން އެ މީހުންގެ ވަޒަނުން ގަދަބާރުން ބޭރުކޮށް، އެހެން ޤައުމުތަކަށް ފޮނުވައިލުމަށް އިސްރާއީލުގެ ހައްދުފަހަނައެޅި ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެން-ގްވީރު ރާވަމުންދާކަން ހާމަވެއްޖެއެވެ. "ޖުވިޝް ޕަވަރ" ޕާޓީގެ ލީޑަރު ބެން-ގްވީރު މި ނުރައްކާތެރި ރޭވުން އިޢުލާނުކޮށްފައި ވަނީ ކުރިއަށް އޮތް އިންތިޚާބީ ކެމްޕޭނުގެ ތެރެއިން ބޭއްވި ޖަލްސާއެއްގައެވެ.
"ޑިސްއެންގޭޖްމަންޓް 710" ގެ ނަމުން ނަންދީފައިވާ މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ކުރިއަށް އޮތް ހަތް އަހަރު ދުވަހުގެ ތެރޭގައި ޣައްޒާއިން ފަލަސްޠީނުގެ ނަސްލު އެއްކޮށް ފޮހެލުމެވެ. މި ރޭވުމުގެ ދަށުން ފުރަތަމަ އަހަރު 250,000 މީހުން އަދި ތިން އަހަރުގެ ތެރޭގައި 1.11 މިލިޔަން މީހުން ޣައްޒާއިން ބޭރުކުރުމަށް ވަނީ ކަނޑައަޅާފައެވެ. ބެން-ގްވީރު މި ޖަރީމާ ސިފަކުރައްވަނީ "އަމިއްލަ އިޚުތިޔާރުގައި ހިޖުރަކުރުން" ކަމުގައި ވީ ނަމަވެސް، މިއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށް، މަޖުބޫރުން ހިންގަން އުޅޭ ކަމެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
މި މަޝްރޫޢު ތަންފީޒުކުރުމަށްޓަކައި ޚާއްޞަ ވުޒާރާއެއް އުފެއްދުމަށާއި، ފަލަސްޠީނުގެ ރައްޔިތުން ބަލައިގަންނަ ޤައުމުތަކަށް މާލީ އެހީތެރިކަން ދިނުމަށް ވެސް ބެން-ގްވީރުގެ ރޭވުމުގައި ހިމަނާފައިވެއެވެ. މި ކަމަށްޓަކައި ޖުމުލަ 16.6 ބިލިޔަން އެމެރިކާ ޑޮލަރުގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން 3.3 ބިލިޔަން ޑޮލަރު ޚަރަދުކުރުމަށް ހަމަޖެހިފައި ވަނީ މަޝްރޫޢުގެ ފުރަތަމަ މަރުޙަލާގައެވެ. ބެން-ގްވީރު ދަޢުވާކުރާ ގޮތުގައި ޣައްޒާގެ ރައްޔިތުން ބަލައިގަތުމަށް ބައެއް ޤައުމުތަކުން މިހާރު ވެސް ތިބީ ތައްޔާރަށެވެ.
ޣައްޒާގައި މިހާރު 2.13 މިލިޔަން މީހުން ދިރިއުޅެމުންދާއިރު، އޭގެ ތެރެއިން ބޮޑު ބަޔަކު ތިބީ އިސްރާއީލުގެ އަސްކަރީ ޙަމަލާތަކުގެ ސަބަބުން ވަރަށް ނިކަމެތި ޙާލަތެއްގައެވެ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމުގައި މިހާތަނަށް 73,000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، 174,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ. މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި، ޝަހީދުކޮށްލާފައިވާ މީހުންގެ ޙަޤީޤީ ޢަދަދު 200,000 އަށް އެރުން އެކަށީގެންވެއެވެ.