މަސްވެރިންނަށް 14.5 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި: މިނިސްޓްރީ

3424

މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ މަސްވެރިންނަށް 14.5 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މިހާތަނަށް ޖުމްލަ 113 މަސްވެރިއަކަށް މި ލޯނުތައް ދޫކޮށްފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މަސްވެރިންނަށް ފަސޭހަކަމާއެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މަސްވެރިކަމާ ބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. އަދި އެ އަހަރުގެ މޭ މަހުން ފެށިގެން "މަސްވެރިޔާ ޕޯޓަލް" މެދުވެރިކޮށް ލޯނު ދޫކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި ޕޯޓަލްއަކީ މަސްވެރިންގެ ޤައުމީ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން އިސްލާމިކް ފައިނޭންސްގެ އުޞޫލުން އެހީތެރިކަން ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ އޮންލައިން ނިޒާމެކެވެ.

މި ޕޯޓަލް މެދުވެރިކޮށް މަސްވެރިންނަށް ތަފާތު އެކި ބޭނުންތަކަށް ލޯނަށް ހުށަހެޅުމުގެ ފުރުޞަތު ލިބެއެވެ. އޭގެ ތެރޭގައި ގެދޮރު އިމާރާތްކުރުމާއި މަރާމާތުކުރުން، މަސްވެރިކަމުގެ ސާމާނު ހޯދުން، އޮޑިދޯނިފަހަރު ބަނުމާއި މަރާމާތުކުރުން، އަދި ދަރިންނަށް މަތީ ތަޢުލީމު ހޯދައިދިނުމާއި ގެސްޓްހައުސް ވިޔަފާރި ފެށުން ފަދަ ކަންކަން ހިމެނެއެވެ. މި ނިޒާމުގެ ސަބަބުން ބޭންކުގެ ބްރާންޗަކަށް ދާންނުޖެހި، ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު ލޯނަށް އެދި ހުށަހެޅޭނެއެވެ.

ސަރުކާރުން ބުނާ ގޮތުގައި، މަސްވެރިންނަކީ ދައުލަތުން ބަލައިގަންނަ ބަޔަކަށް ހެދުމަށާއި އެހެން ވަޒީފާތަކެކޭ އެއްފަދައިން މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން އެކުލަވާލި މަސްވެރިންގެ ޤައުމީ ދަފުތަރުގެ ސަބަބުން، މަސްވެރިންނަށް މާލީ އިދާރާތަކުން ލޯނު ލިބުމުގެ މަގު ވަނީ ވަރަށް ބޮޑަށް ފަހިވެގެން ގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ