މަސްވެރިކަމާއި ގުޅޭ

ބާފޮތިފާނަ - ފޮޓޯ: ފިޝިންގ ސްޕޮޓްސް

ބާފޮތިފާނަ

ބާފޮތިފާނައަކީ ރާއްޖޭގެ ފަރުފަޅުގެ ބޭރުން ފުން ސަރަޙައްދުތަކުގައި އުޅޭމަހެކެވެ.

މިބާވަތުގެ ޅަދާނަ ވަރަށް ތިލަހިސާބުތަކުން ފެނެއެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މަހެކެވެ. މިމަސް ގިނައިން ބޭނިފައި ހުންނަނީ ފައްތައިގެން ދުވާލުކުރާ ކެޔޮޅުކަމުގައެވެ. ކޮށިފައްތައިގެން ކުރާ މަސްވެރިކަމުގައިވެސް ހިފައެވެ. މިމަސް އެންމެ ބޮޑުވަނީ 1 މީޓަރަށެވެ. މަހުގެ ކަރުތާފަތުގެ ކުރީބައިގެ ކައިރިފަށް ހުންނަނީ އެއްވަރަކަށް ރާޅުކޮންނެވެ.

މިފާނަ 1 މީޓަރުން ފެށިގެން 90 މީޓަރާ ދެމެދުގެ ފުންމިނުގައި އުޅެއެވެ. މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 15 އާއި 17 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކަށްޓާއެކު 8 މަޑުކަށިހުރެއެވެ. މަހުގެ ކަންފަތުގައި 18 އާއި 20 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށިހުރެއެވެ. ބާފޮތިފާނައިގެ ޅަމަހުގެ ނިގޫފަތުގެ ކޮޅު ހުންނަނީ ވަށްކޮށެވެ. ބޮޑެތިމަހުގައި އެއްވަރަކަށް ކަނޑާލެވިފައެވެ.

މަހުގެ ކުލައަކީ އަޅިމުށިކުލައެކެވެ. ބުރަކަށިމަތީގައި ހުދުކުލައިގެ ލައްތަކެއް ހުރެއެވެ. މަސްމަރުވުމުން މުޅިމަސް ގަދަ އަޅިކުލައަކަށް ބަދަލުވެ ހަސްނެތި ބާވެފައިވާ ފޮތިގަޑެއްގެ ކުލައަށް ބަދަލުވެދެއެވެ. މިމަހަށް "ބާފޮތިފާނަ" ކިޔާ ނަންދީފައިވަނީ މަހުގެ މިދެންނެވި ސިފައަށް ވިސްނާފައެވެ. މަހުގެ ޢާއްމުކާނާ އަކީ ކުދިމަހާއި ކަކުނިފާޑުގެ ސޫތްޕެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިނގިރޭސި ނަން: White-blotched grouper

 

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!