މާލޭގައި ޕޮލިހުން "ކޮމިއުނިޓީ އެންގޭޖްމަންޓް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

މާލޭ ޕޮލިހުން ކުރިއަށް ގެންދިޔަ ކޮމިއުނިޓީ އެންގޭޖްމަންޓް ހަރަކާތުގެ ތެރެއިން
މާލޭ ޕޮލިހުން ކުރިއަށް ގެންދިޔަ ކޮމިއުނިޓީ އެންގޭޖްމަންޓް ހަރަކާތުގެ ތެރެއިން ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވިސް

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، އާންމު އިޖުތިމާއީ މިންގަނޑުތަކަށް ރައްޔިތުން އަހުލުވެރިކުރުވުމަށް މާލޭ ޕޮލިހުން އިސްނަގައިގެން މާލޭގެ އެކި ސަރަހައްދުތަކުގައި "ކޮމިއުނިޓީ އެންގޭޖްމަންޓް" ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތަކީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ފުލުހުންނާއި އާންމުންގެ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތުގެ ތެރެއިން، އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް ބޯލަނބައިގެން ޒިންމާދާރުކަމާއެކު އުޅަނދު ދުއްވި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ފުލުހުން ވަނީ އެ ފަރާތްތަކަށް ހެލްމެޓް ހަދިޔާކޮށްފައެވެ. މީގެ އިތުރުން، ކަނޑައެޅިފައިވާ ގަވާއިދުތަކާ އެއްގޮތަށް ރަނގަޅަށް އުޅަނދުތައް ޕާކުކޮށްފައި ހުރި ފަރާތްތަކުގެ މަސައްކަތް ބަލައިގަނެ، އެ ފަރާތްތަކަށް ޚާއްޞަ ސްޓިކާއެއް ވެސް ވަނީ ދީފައެވެ.

އިޖުތިމާއީ ގުޅުން ބަދަހިކުރުމުގެ ގޮތުން، ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ބަލިމީހުންނަށް ފުލުހުން ޒިޔާރަތްކޮށް، އަވަސް ޝިފާއަކަށް އެދި ހެޔޮދުއާގެ ކާޑު ވަނީ ހަދިޔާކޮށްފައެވެ. ހަމައެއާއެކު، މާލޭގައި އިމާރާތްކުރަމުންދާ ސައިޓުތަކަށް ޒިޔާރަތްކޮށް، އެ ތަންތަނުގެ ސަލާމަތީ ކަންކަން ހުރިގޮތް ބަލައި، އާންމުންނާއި މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރަނގަޅުކުރަންޖެހޭ ކަންކަމާ ގުޅޭ އިރުޝާދާއި ލަފާ ވެސް ފުލުހުން ވަނީ ދީފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މިފަދަ ހަރަކާތްތަކުގެ މައިގަނޑު ބޭނުމަކީ ގާނޫނުތަކާއި ގަވާއިދުތަކަށް އަމިއްލައަށް އިސްނަގައިގެން ބޯލެނބުމުގެ ސަގާފަތެއް މުޖުތަމައުގައި އަށަގަންނުވައި، އާންމު ސަލާމަތާއި ރައްކާތެރިކަމަކީ އެންމެންގެ ޒިންމާއެއްކަން ހަނދާންކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ