ރާއްޖޭގެ ދެކުނުގެ ރަށެއްގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބިދޭސީ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، 16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 42 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. އޭނާ ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފަހަކަށް އައިސް ރާއްޖޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހުވެސް ދެކުނުގެ ރަށެއްގައި އަމިއްލަ އަންހެން ދަރިފުޅަށް ޖިންސީ އަދި ޖިސްމާނީ އަނިޔާކުރި މައްސަލައެއްގައި ބައްޕައަކު ވަނީ ހައްޔަރުކޮށްފައެވެ. އުމުރުން 13 އަހަރުގެ އެ ކުއްޖާއަށް އަނިޔާކޮށްފައިވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން، ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގެ ރަށެއްގައި ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ކަމުގެ ތުހުމަތުގައި 28 އަހަރުގެ ދިވެހި ފިރިހެނަކުވެސް ދާދިފަހުން ވަނީ ހައްޔަރުކޮށްފައެވެ. އެ މައްސަލައިގައިވެސް ހައްޔަރުކޮށްފައިވަނީ އެ ކުއްޖާގެ ބައްޕައެވެ. ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ޖިންސީ ކުށުގެ 174 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.