މާލެ ސަރަހައްދުގައި އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 13 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ މި ރެއިޑް އޮޕަރޭޝަނުގައި ޖުމްލަ 426 ބިދޭސީންގެ ލިޔެކިޔުންތައް ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ހިންގި ހަރަކާތެކެވެ. ބެލުމުގެ ދަށަށް ގެންދިޔަ މީހުންނަކީ ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ނެތް މީހުންނެވެ.
މީގެ އިތުރުން، ނިމިދިޔަ ހަފުތާ ބަންދުގައި ހުޅުމާލޭ ރަށު މާރުކޭޓު ސަރަހައްދުގައި ވެސް އިމިގްރޭޝަނުން ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ. އެ އޮޕަރޭޝަނުގައި 55 ބިދޭސީއެއްގެ ލިޔެކިޔުންތައް ބަލައި، ވިސާގެ މުއްދަތު ހަމަވެފައިވުމާއި ހުއްދަ ނެތި މަސައްކަތް ކުރަމުންދިޔަ 20 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، އެފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުން ދަނީ މުޅި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ.