ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް މާލެއާއި އަތޮޅުތަކުގައި ޚާއްޞަ ހިނގާލުމެއް ބާއްވައިފި

ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ހިނގާލުމުގެ ތެރެއިން ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް
ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ހިނގާލުމުގެ ތެރެއިން ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، މާލެއާއި އަތޮޅުތަކުގެ އެކި ރަށްރަށުގައި މިއަދު ހެނދުނު ޚާއްޞަ އެކުވެރިކަމުގެ ހިނގާލުމެއް ބާއްވައިފިއެވެ.

މާލޭ ސަރަހައްދުގައި ބޭއްވި ހިނގާލުން މިއަދު ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުން ފަށައިގެން ކުރިއަށް ގެންގޮސްފައިވަނީ މާލެ ވަށައިގެންވާ މަގުތަކުގައެވެ. މި ހިނގާލުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ފުލުހުންގެ އެކި ރޭންކުތަކުގެ މުވައްޒަފުންނާއި އާންމު މުވައްޒަފުން ހިމެނޭހެން 1،000 އަށްވުރެ ގިނަ މީހުން މި ހަރަކާތުގައި ބައިވެރިވިއެވެ. އަތޮޅުތަކުގައި ބޭއްވި ހިނގާލުންތަކުގައިވެސް އެ ރަށްރަށުގެ ފުލުހުންނާއި މުވައްޒަފުން ބައިވެރިވެފައިވެއެވެ.

ފުލުހުންގެ ބަދަހި ސަފުތައް ރަމްޒުކޮށްދިން މި ހިނގާލުމަކީ 1 ސެޕްޓެމްބަރު 2004 އިން ފެށިގެން ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ހިންގަން ފެށިތާ 22 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަރަކާތެކެވެ.

ފުލުހުންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މިއަދު ހަވީރު ސޯޝަލް ސެންޓަރު ސަރަހައްދުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިރޭ ސޯޝަލް ސެންޓަރުގައި "ޕޮލިސް ފެމިލީ ނައިޓް" ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ