އިސްލާހީ ބަދަލުތަކާއެކު ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާވެގެންދާނެ: މިނިސްޓަރ އިހުސާން

ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް. ފޮޓޯ: މިނިސްޓްރީ.
ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް. ފޮޓޯ: މިނިސްޓްރީ.

ދިވެހި ފުލުހުންގެ ޚިދުމަތަށް މިހާރު ގެންނަމުންދާ އިސްލާހީ ބަދަލުތަކާއެކު، ކުރިއަށް އޮތް ތަނުގައި އެ މުއައްސަސާއަކީ މިހާރަށްވުރެ ހަރުދަނާ އަދި ރައްޔިތުން އެދޭ ފަދަ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދޭނެ ޤާބިލު ތަނަކަށް ބަދަލުވެގެންދާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި އެކުވެރިކަމުގެ ހިނގާލުމުގައި ބައިވެރިވެވަޑައިގަތުމަށްފަހު މީޑިއާއަށް ދެއްވި ބަސްތީގަތުމެއްގައެވެ.

ވަޒީރު އިޙްސާން ފާހަގަކުރެއްވި ގޮތުގައި، ފުލުހުންގެ ޚިދުމަތް އަސްކަރިއްޔާއިން ވަކިކޮށް މަދަނީ ޚިދުމަތަކަށް ބަދަލުކުރިތާ 22 އަހަރު ވެގެންދިޔައިރުވެސް، އެ އިދާރާއަށް ބޭނުންވާ ވަސީލަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ޤާއިމްކުރެވިފައެއް ނުވެއެވެ. އޭގެ ސަބަބުން ރައްޔިތުން އެދޭ ފެންވަރުގައި ޚިދުމަތް ދިނުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް މިހާރު ފުލުހުންގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ޚާއްޞަ ދާއިރާތަކުން ތަމްރީނު ދިނުމުގެ މަސައްކަތް ފެށިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އަތޮޅުތެރޭގެ ރަށްރަށުގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ހުރީ އެންމެ 17 ރަށެއްގައި ކަމަށާއި، ނަމަވެސް މިހާރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ހުރިހާ ރަށެއްގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ބިނާކުރުމުގެ މަސައްކަތް ބާރުމިނެއްގައި ކުރިއަށްދާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބަތުގައި ވަޒީރު ވަނީ ފުލުހުންގެ މުއައްސަސާގެ ހުރިހާ މުވައްޒަފުންނަށާއި، ކުރިން ޚިދުމަތް ކުރެއްވި ފަރާތްތަކުގެ އިތުރުން އެ ފަރާތްތަކުގެ ޢާއިލާތަކަށް ދުވަހުގެ ތަހުނިއްޔާ ފޮނުއްވާފައެވެ. ސަރުކާރުގެ އަމާޒަކީ ފުލުހުންނަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ފޯރުކޮށްދީ، ރައްޔިތުންނާ ގާތުން ޚިދުމަތްދޭ، އަމާން މުޖުތަމަޢެއް ބިނާކުރުމަށް މަގުފަހިކޮށްދިނުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ