ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އެއްވެސް ކަމެއް ނުކުރެއްވޭނެ ކަމަށާއި، މަޖިލީހުގެ މެންބަރުން ތިއްބެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަހަތްޕުޅުގައި ވަރުގަދަ ފާރެއްގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް މިހެން ވިދާޅުވީ، ބޭރު ފައިސާއާ ބެހޭ ޤަަނޫނަށް ގެނައި ބަދަލުތަކާ މެދު ޕީއެންސީގެ ބައެއް މެންބަރުން ހިތްހަމަނުޖެހޭ ކަމަށާއި މަޖިލިސް ތެރެއިން "ސިއްރު އިންޤިލާބެއް" އަތުވެދާނެ ކަމަށް ރައީސް ޔާމީން އިޝާރާތް ކުރައްވާފައި ވަނިކޮށެވެ. އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަކީ ބުއްދިވެރި ބޭފުޅެއް ނަމަ މިއަދު ހުންނަވާނީ މި ސަރުކާރު ދެމެހެއްޓުމަށް މަސައްކަތް ކުރެއްވުމުގައި ކަމަށެވެ.
ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ވެސް އެދިވަޑައިގަތީ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް ކަން ފާހަގަކުރައްވައި، އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރުން އަންނަނީ އަދުލު އިންސާފު ޤާއިމުކޮށް މުޖުތަމަޢުގެ ހަމަޖެހުން ކަށަވަރު ކުރަމުން ކަމަށެވެ. އަދި ތަރައްޤީއަކީ ހަމައެކަނި ބްރިޖު އެޅުން ނޫން ކަމަށާއި، އެންމެ ބޮޑު ތަރައްޤީއަކީ އަމާން މުޖުތަމަޢެއް ބިނާކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
ދައުލަތުގެ ދަރަންޏާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މިހާރު ދައްކަމުން ދަނީ ރައީސް ޔާމީނާއި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ނަގާފައިވާ ދަރަނިތައް ކަމަށެވެ. އަދި މި ދަރަނިތައް ދައްކަމުން ދަނީ ބޭރުގެ އިތުރު ދަރަނި ނެގުމެއް ނެތި ކަމަށާއި، އެއީ ރައީސް މުޢިއްޒުގެ ހަރުދަނާ ސިޔާސަތުގެ ނަތީޖާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް ނުކުންނަވާނީ ވަރަށް ވަރުގަދަކޮށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވީ މަޖިލީހުގެ މެންބަރުން ތިއްބެވީ ސަރުކާރާއެކު ސާބިތުކަމާއެކީގައި ކަމަށާއި، ބޭރުގެ އެއްވެސް ނުފޫޒަކަށް ނުވަތަ ރައީސް ޔާމީން ކުރައްވާ އިޝާރާތްތަކަށް ލޮޅުމެއް ނާރާނެ ކަމަށެވެ.