އެންޑީއެމްއޭގެ މަސައްކަތްތަކަށް ހުޅުމާލެއިން ދާއިމީ ބިމެއް ހަމަޖައްސައިދީފި

މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ ލިބުނުު ގެއްލުންތައް
ބެލުމަށް އެންޑީއެމްއޭގެ މުވައްޒަފުން ހަރަކާތްތެރިވަނީ. ފޮޓޯ: އެންޑީއެމްއޭ
މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ ލިބުނުު ގެއްލުންތައް ބެލުމަށް އެންޑީއެމްއޭގެ މުވައްޒަފުން ހަރަކާތްތެރިވަނީ. ފޮޓޯ: އެންޑީއެމްއޭ

ކާރިސާތަކާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ދައުލަތުގެ މައި އިދާރާ، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ މަސައްކަތްތަކަށް ހުޅުމާލެއިން ދާއިމީ ބިމެއް ސަރުކާރުން ހަމަޖައްސައިދީ، އެ ބިން ރަސްމީކޮށް އެ އޮތޯރިޓީއާ ހަވާލުކޮށްފިއެވެ. މިއީ އެ އިދާރާ އުފެދުނު ފަހުން އަމިއްލަ ދާއިމީ ބިމެއް ލިބުނު ފުރަތަމަ ފަހަރެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިރުޝާދުގެ ދަށުން، ހުޅުމާލެ ދެވަނަ ފިޔަވަހިން އެންޑީއެމްއޭއަށް ހަމަޖައްސައިދީފައިވަނީ 13,574 އަކަފޫޓުގެ ބިމެކެވެ. މި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި މާލީ ވުޒާރާއާއި އެންޑީއެމްއޭއާ ދެމެދު މިހާރު ވަނީ ސޮއިކޮށްފައެވެ. މި ނިންމުމަކީ ރާއްޖޭގެ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ސަރުކާރުން ގެންގުޅުއްވާ ވިލުންތެރި ސިޔާސަތުގެ ދަށުން ނިންމެވި މުހިންމު ނިންމެވުމެއް ކަމަށް އެ އިދާރާއިން ބުނެއެވެ.

ހުޅުމާލެއިން ލިބުނު މި ބިމުގައި އެންޑީއެމްއޭގެ މައި އޮފީހުގެ އިތުރުން، ކާރިސާތަކަށް އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ޒަމާނީ ވަސީލަތްތަކެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ޒަމާނީ އެމަޖެންސީ އޮޕަރޭޝަން ސެންޓަރަކާއި، ކާރިސާތަކަށް ބޭނުންވާ ސާމާނު ރައްކާކުރާނެ އެމަޖެންސީ ވެއާހައުސްއެއް ހިމެނެއެވެ.

މީގެ އިތުރުން، އެކި ހާދިސާތަކުގައި ހާލުގައި ޖެހޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ހާއްސަ ފެސިލިޓީއެއްވެސް މި ބިމުގައި ބިނާކުރާނެއެވެ. މީގެ ކުރިން މިފަދަ ހާލަތްތަކުގައި ހާލުގައި ޖެހޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެމުން އައީ ސްކޫލްތަކާއި އެހެނިހެން އާންމު އިމާރާތްތަކުގައެވެ. އައު ފެސިލިޓީއާއެކު މިކަމަށް ދާއިމީ އަދި ހަރުދަނާ ހައްލެއް ލިބިގެންދާނެއެވެ.

ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނުގެ ދަށުން 30 ޑިސެމްބަރު 2018 ގައި އެންޑީއެމްއޭ އުފެދުނު ނަމަވެސް، އެ އިދާރާގެ މަސައްކަތްތައް މިހާތަނަށް ކުރިއަށް ގެންގޮސްފައިވަނީ ދާއިމީ ބިމެއް ނެތިއެވެ. 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާ ގުޅިގެން އެންމެ ފުރަތަމަ މި މަސައްކަތް ފެށީ އިސްކަންދަރު ސްކޫލުގައެވެ. އޭގެ ފަހުން ސޯޝަލް ސެންޓަރާއި ދަރުބާރުގޭގައި ގިނަ އަހަރުތަކެއް ވަންދެން އެ އިދާރާ ހިންގާފައިވެއެވެ.

ދަރުބާރުގެއަށް ފަހު، ސިވިލް ސާވިސް ކޮމިޝަން ހިންގާ އިމާރާތުގައިވެސް އެންޑީއެމްއޭގެ އޮފީސް ހިންގިއެވެ. އަދި މިހާރު އެ އިދާރާ ހިންގަމުން އަންނަނީ ގ. ރިހިޖެހިކޮށީގައި ހުންނަ ކުޑަ ޖާގައެއްގައެވެ. މިހާ ދިގު މުއްދަތެއް ވަންދެން ދާއިމީ ބިމެއް ނެތި މަސައްކަތް ކުރުމަށްފަހު، ހުޅުމާލެއިން ބިމެއް ލިބުމަކީ އެ އޮތޯރިޓީން ސިފަކުރާ ގޮތުގައި އެންމެ ބޮޑު އެއް ކާމިޔާބީއެވެ.

މި ބިން ހަމަޖައްސައިދިނުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހާއްސަ އަހައްމިއްޔަތުކަމަށް އެންޑީއެމްއޭއިން ވަނީ ޝުކުރު އަދާކޮށްފައެވެ. މި އައު ބިމާއެކު، ރާއްޖެއަށް ދިމާވާ އެކި ކާރިސާތަކާއި ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ގައުމީ ފެންވަރުގައި އިޖާބަދިނުމުގެ ގާބިލުކަން އިތުރުވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެ އޮތޯރިޓީން ފާހަގަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ