"ފުރޮޅުފިލާ ޗަރުކޭސް 2026" ސްކޭޓްބޯޑިން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މާފުށީގައި ބޭއްވި ސްކޭޓްބޯޑިން މުބާރާތުގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ފޮޓޯ: ފުރޮޅުފިލާ ޗަރުކޭސް
މާފުށީގައި ބޭއްވި ސްކޭޓްބޯޑިން މުބާރާތުގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ފޮޓޯ: ފުރޮޅުފިލާ ޗަރުކޭސް

ކ. މާފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ "ފުރޮޅުފިލާ ޗަރުކޭސް 2026" ސްކޭޓްބޯޑިން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މުޅި ރާއްޖެއަށް ހުޅުވާލައިފިއެވެ.

މާފުށީ ފުރޮޅުފިލާ ކުލަބުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 25 އާއި 26 ވަނަ ދުވަހު މާފުށީ ސްކޭޓް ޕާކުގައެވެ.

މި މުބާރާތަކީ އެންމެ ތުއްތު ކުދިންނާއި އަލަށް މި ކުޅިވަރަށް ވަންނަ ފަރާތްތަކުން ފެށިގެން، ޕްރޯ ސްކޭޓްބޯޑަރުންނަށް ވެސް ވާދަކުރެވޭ ގޮތަށް އިންތިޒާމުކޮށްފައިވާ މުބާރާތެކެވެ. މުބާރާތުގެ މެޗުތައް އިންސާފުކުރުމަށް ހަމަޖެހިފައިވަނީ ބައިނަލްއަޤްވާމީ ޖަޖުންގެ ޕެނަލަކުން ކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.

މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މާލެއިން މާފުށްޓަށް ދާ ފަރާތްތަކަށް ހިލޭ ފެރީގެ ހިދުމަތް ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، އަތޮޅުތެރެއިން އަންނަ ބައިވެރިންނަށް ހިލޭ އެކޮމޮޑޭޝަން ހަމަޖައްސައިދޭއިރު، ގެސްޓްހައުސްތަކުގައި ތިބޭ ފަރާތްތަކަށް ޑިސްކައުންޓް އަގުތަކެއް ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.

ކޮންމެ ކެޓަގަރީއަކުން އެންމެ މޮޅު ތިން ބައިވެރިން ހޮވުމުގެ އިތުރުން، މުބާރާތުގައި ވާދަކުރާ ހުރިހާ ކުދިންގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ ބައިވެރިއަކަށް ހަދިޔާއަކާއި މެޑައްޔެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިދިޔަ އަހަރު 80 އެއްހާ ސްކޭޓަރުންނާއެކު ބޭއްވި މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި މި ކުޅިވަރު ކުރިއަރުވައި އައު ހުނަރުވެރިންނަށް ފުރުސަތު ހޯދައިދިނުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ