ސްޓޭޓް ފާމާގެ ހުރިހާ ފާމަސީއެއްގެ ސްޓޮކް ވަގުތުން ބަލާލެވޭނެ ނިޒާމެއް ގާއިމުކޮށްފި

ސްޓޭޓް ފާމާގެ ބޭސްފިހާރައެއް
ސްޓޭޓް ފާމާގެ ބޭސްފިހާރައެއް. ފޮޓޯ: ސްޓޭޓް ފާމާ

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހުރި ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާމާ) ގެ ފާމަސީތަކުގެ ސްޓޮކް ވަގުތުން ބަލާލެވޭނެ ޑިޖިޓަލް ނިޒާމެއް އެ ކުންފުނިން ގާއިމުކޮށްފިއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ސްޓޭޓް ފާމާގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ، މި ނިޒާމުގެ ސަބަބުން ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި އެ ކުންފުނީގެ ބޭސް ފިހާރައެއްގައި ބޭސް ހުރި މިންވަރު ކުންފުންޏަށް ވަގުތުން ބަލާލެވޭނެ ކަމަށެވެ. މިއީ ރާއްޖެއަށް ބޭނުންވާ ބޭސްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޑރ. ޝާހު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އާންމުންނަށް ވެސް ފާމަސީތަކުގައި ބޭސް ހުރި މިންވަރު އަމިއްލައަށް ބަލާލެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ ސަބަބުން ބޭސް ހޯދުމުގައި ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ކުރިން އެސްޓީއޯއިން ހިންގަމުން އައި ބޭސްފިހާރަތަކުގެ ހިދުމަތްތައް މިހާރު ވަނީ ސްޓޭޓް ފާމާގެ ދަށަށް ބަދަލުކޮށްފައެވެ. ބޭސް ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި އެ ކުންފުނިން ވަނީ ތިން ކުންފުންޏަކާއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. މީގެ އިތުރުން، ފާމަސިސްޓުން ތަމްރީނުކުރުމާއި އެ ދާއިރާއަށް ބޭނުންވާ މީހުން އިތުރުކުރުމަށް ވެސް ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް ސްޓޭޓް ފާމާއިން ބުނެއެވެ.

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން އުފައްދާފައިވަނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. މި ކުންފުނީގެ މައިގަނޑު މަގްސަދަކީ ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސްގެ އިތުރުން މެޑިކަލް އިކުއިޕްމަންޓްތައް ގަނޑުކޮށް ރާއްޖެއަށް އެތެރެކޮށް، ރާއްޖޭގެ ހުރިހާ ހިސާބަކަށް އެތަކެތި ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ