ރާއްޖޭގައި ސްޕޯޓްސް ފިޝިން ނުވަތަ ކުޅިވަރު މަސްވެރިކަން ފުޅާވެގެން ދިއުމުން، އަމިއްލަ ވިޔަފާރިތަކަށް ގިނަގުނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު މުއްތަލިބު ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ފެށިގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ.
ސްޓޭޓް މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި މިހާރުވެސް ކުޅިވަރު މަސްވެރިކަމަށް ޝައުގުވެރިވާ ބޮޑު ކޮމިއުނިޓީއެއް އެބައޮތެވެ. ނަމަވެސް، މީގެ ކުރިން މިކަން ވިޔަފާރި އުސޫލުން ކުރިއަށް ގެންދިއުމަށް ދަތިތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. މި ދާއިރާ ތަރައްޤީވުމުން، ރަށްރަށުގައި ސްޕޯޓްސް ފިޝިން ލޯންޗުތައް ގެންގުޅޭ ފަރާތްތަކަށް ކައިރި ރަށްރަށުގެ ފަތުރުވެރިން ގޮވައިގެން މަހަށް ދިއުމުގެ ފުރުސަތު ލިބި، ރަށްރަށުގެ އިގްތިސާދަށް އޭގެ ފައިދާ ކުރާނެއެވެ. މީގެ އިތުރުން، ފަތުރުވެރިންނަށް އެ ރަށްރަށުގައި މަޑުކޮށްލުމުގެ ފުރުސަތު ލިބި، މަސްވެރިކަމަށް ބޭނުންވާ ސާމާނާއި ތެޔޮ ފަދަ ތަކެތި ލިބޭނެ މަގު ފަހިވާނެއެވެ.
ކުޅިވަރު މަސްވެރިކަން ކުރިއެރުވުމަށްޓަކައި ޚާއްސަ ވަދު ކަނޑުފަތިތައް އެޅުމާއި، ސްޕޯޓްސް ފިޝިން ބަނދަރުތައް ތަރައްޤީކުރުމަށް ފަސް ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ. މީގެ ތެރޭގައި ކ. ބޮއްޗުފަރު، ވ. މާދިއްގަރު ފަޅު، ގދ. ބޮލިމަތައިދޫ އަދި ގއ. މާފަރު ހިމެނެއެވެ. މި ބަނދަރުތަކުގައި މަހުގެ ވިޔަފާރިކުރާނެ ގޮޅިތަކާއި، މުބާރާތްތައް ރާވާ ހިންގާނެ އިދާރީ އޮފީސްތަކާއި، ކެފޭ ރެސްޓޯރަންޓްތަކުގެ އިތުރުން ބާބަކިއު ހެދޭނެ އިންތިޒާމުތައް ގާއިމުކުރެވޭނެއެވެ.
މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ. އަދި މިއީ އާންމު ރައްޔިތުންނަށް ވިޔަފާރީގެ އާ ފުރުސަތުތަކެއް ހުޅުވައިދީ، އަމިއްލަ ފައިމައްޗަށް ތެދުވުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށްވެސް ސްޓޭޓް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.