މި ސަރުކާރުން މިހާތަނަށް 99 ކަނދުފަތި އަޅައިފި: މަސްވެރިކަމާ ބެހޭ ވުޒާރާ

އޮއިވާލި ކަނދުފަތި/ ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
އޮއިވާލި ކަނދުފަތި/ ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

މި ސަރުކާރުން މިހާތަނަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 99 ކަނދުފަތި އަޅާފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

އެ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މިހާތަނަށް ގާއިމުކޮށްފައިވާ ކަނދުފަތިތަކުގެ ތެރޭގައި ހިމެނެނީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށްގެން އަޅާފައިވާ 47 ދޮށީ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިން އަދި ފަރުމަސްވެރިކަމަށް ޚާއްސަ 52 ވަދު ކަނދުފައްޗެވެ. މިއީ މީގެކުރީގެ ސަރުކާރުތަކާ އަޅާބަލާއިރު ރެކޯޑު އަދަދެއް ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް އަލުން އެޅުމުގެ މަސައްކަތަށް މި ހިނގާ ސެޕްޓެންބަރު މަހުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތަކުގެ ބޮޑު ބައެއް އަލުން ގާއިމުކުރެވޭނެ ކަމަށް ޔަގީންކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކަނދުފަތިތައް އަވަހަށް ކަނޑައިގެން ދިއުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން (އެފްއޭއޯ) އާ ގުޅިގެން ކަނދުފަތީގެ ޑިޒައިނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. ރާއްޖޭގައި މިހާތަނަށް ބޭނުންކުރަމުން އައީ 40 އަހަރުވީ ބާ ފަރުމާއެއް ކަމަށްވާއިރު، އައު ޑިޒައިނާއެކު މި މައްސަލައަށް ބޮޑު ހައްލެއް ލިބޭނެއެވެ. މީގެއިތުރުން، މުޅި ރާއްޖޭގައި ވަދު ކަނދުފަތީގެ ވިއުގައެއް ގާއިމުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށްވެސް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ