ޣައްޒާގެ ރައްޔިތުން ގެދޮރުން ނެރުމަށް އިސްރާއީލުން ކުރާ މަސައްކަތްތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ގާޒާގެ ރެފިއުޖީ ކޭމްޕެއްގައި ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެނީ ވަރަށް ދަތި ހާލުގައި. ފޮޓޯ: ރޮއިޓަރސް
ގާޒާގެ ރެފިއުޖީ ކޭމްޕެއްގައި ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެނީ ވަރަށް ދަތި ހާލުގައި. ފޮޓޯ: ރޮއިޓަރސް

ޣައްޒާގެ ރައްޔިތުން އެ ބިމުން ނެރެ، ގަދަކަމުން އެހެން ތަންތަނަށް ބަދަލުކުރުމަށް އިސްރާއީލުގެ ވަޒީރުން ގޮވާލާފައިވާ ގޮވާލުންތަކާއި، އެކަމަށްޓަކައި ރޭވުންތައް އެކުލަވާލުމަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަމާ ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުގެ މިފަދަ ވާހަކަތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި، ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާ ބެހޭ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި މިއީ މެދުއިރުމަތީގެ ސަރަޙައްދުގައި ސުލްޙައާއި ހަމަޖެހުން ޤާއިމުކުރުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށްވެސް ޚާރިޖިއްޔާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ދިވެހި ސަރުކާރުން ބުނީ އެކި ބަހަނާތައް ދައްކައިގެން، އިސްތިއުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުން އެ ޤައުމުގެ ރައްޔިތުން ގަދަކަމުން ބޭރުކުރުމަށް ކުރާ އެންމެހައި މަސައްކަތްތަކަށް ރާއްޖެއިން ދެކޮޅުހަދާ ކަމަށެވެ. އަދި ޣައްޒާއަކީ ފަލަސްޠީނުގެ ބިމުން ވަކިނުކުރެވޭނެ ބައެއް ކަމަށާއި، އަމިއްލަ ވަޒަނުގައި ދެމިތިބުމާއި އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުމުގެ ޙައްޤަކީ ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެންވާ އަސާސީ ޙައްޤެއްކަންވެސް ބަޔާނުގައި ހަނދާންކޮށްދީފައިވެއެވެ.

މީގެއިތުރުން، ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ގެދޮރުން ނެރެ، ގަދަކަމުން ބޭރުކުރުން ހުއްޓުވުމަށާއި، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފުވާ ފަރާތްތައް ޒިންމާދާރުކުރުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް، ޚާއްޞަކޮށް އދ. ގެ ސަލާމަތީ މަޖިލީހަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ވަގުތުން ފިޔަވަޅު އެޅުމަށްވެސް ވަނީ އެދިފައެވެ. ރާއްޖެއިން އަބަދުވެސް ފަލަސްޠީނާއެކު ސާބިތުކަންމަތީ ދެމިއޮންނާނެކަން ތަކުރާރުކޮށް، 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިގެން އުފެދޭ، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ކުރާ ތާއީދު ދަމަހައްޓާނެ ކަމަށް ބަޔާނުގައިވެއެވެ.

އިސްރާއީލުގެ ހައްދުފަހަނައެޅި ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވިރް ވަނީ ޣައްޒާގައި ދިރިއުޅޭ ގާތްގަނޑަކަށް 1.9 މިލިއަން ފަލަސްޠީނު ރައްޔިތުން ކުރިއަށް އޮތް ހަތް އަހަރު ދުވަހުގެ ތެރޭގައި އެ ސަހަރުން ބޭރުކޮށްލުމުގެ ޕްލޭނެއް ހުށަހަޅާފައެވެ. "ޑިސްއެންގޭޖްމަންޓް 710" ގެ ނަމުގައި އޭނާ ހާމަކުރި މި ޕްލޭނަކީ، އޮކްޓޫބަރު 27 ގައި ބާއްވާ އިސްރާއީލުގެ ޕާލަމެންޓް އިންތިޚާބަށް އޭނާގެ "ޖުވިޝް ޕަވާ" ޕާޓީން ކުރިއަށްނެރުނު މައިގަނޑު ސިޔާސަތެކެވެ. މި ޕްލޭންގެ ދަށުން ފުރަތަމަ އަހަރު 250،000 މީހުން، ތިން އަހަރު ތެރޭގައި 1.11 މިލިއަން މީހުން އަދި ހަތް އަހަރު ނިމޭއިރު 1.86 މިލިއަން މީހުން ޣައްޒާއިން އެހެން ޤައުމުތަކަށް ބަދަލުކުރުމަށް ވަނީ ހިމަނާފައެވެ.

މި ޕްލޭނަށް ފަލަސްޠީނާއި، އަރަބި ޤައުމުތައް އަދި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ދަނީ ވަރަށް ބޮޑަށް ދެކޮޅު ހަދަމުންނެވެ. މިއީ 1948 ވަނަ އަހަރު ހިންގި "ނަކްބާ" ފަދައިން ފަލަސްޠީނުގެ ބިމުން އެމީހުން އެއްކޮށް ނެރެލަން ރާވާ ރޭވުމެއް ކަމަށް އަރަބި ދުނިޔެއިން ސިފަކުރެއެވެ. ޚާއްޞަކޮށް މިސްރުން ވަނީ ފަލަސްޠީނު މީހުން އެ ޤައުމުގެ ސަރަޙައްދަށް ބަދަލުކުރުމަށް އެއްވެސް ޖާގައެއް ނުދޭނެ ކަމަށް ތަކުރާރުކޮށް ބުނެފައެވެ. މި ޕްލޭނަކީ އަދި އިސްރާއީލު ސަރުކާރުގެ ރަސްމީ ސިޔާސަތަކަށް ނުވި ނަމަވެސް، ކުރިއަށް އޮތް އިންތިޚާބަށްފަހު އުފެދޭ ކޯލިޝަން ސަރުކާރުގެ ތެރެއިން މިއީ ތަންފީޒުކުރަންޖެހޭނެ ޝަރުޠެއްގެ ގޮތުގައި ހެދުމަށް ހައްދުފަހަނައެޅި ޔަހޫދީންގެ ޕާޓީތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ