ދިރާގުގެ މެޖޯރިޓީ ކޮންޓްރޯލް އަނބުރާ ސަރުކާރަށް ހޯދުމުގެ މަސައްކަތް ފަށައިފި

Corp-Feature-Photo-2023-10-01T143650.469-768x432

ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) ގެ މެޖޯރިޓީ ކޮންޓްރޯލް އަނބުރާ ސަރުކާރަށް ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް، ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ އެއްގޮތަށް ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިރާގުގައި އޮތް ސަރުކާރުގެ ހިއްސާ 51 އިންސައްތައަށް އިތުރުކޮށް، ކުންފުނީގެ މެޖޯރިޓީ ކޮންޓްރޯލް ސަރުކާރަށް އިއާދަކުރުމަކީ ވަޒީރުންގެ މަޖިލީހުން ނިންމެވި އެންމެ މުހިންމު އެއް ނިންމެވުން ކަމަށެވެ.

ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ދިރާގަކީ ކުރިން ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއް ނަމަވެސް، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އެ ކުންފުނީގެ ހިއްސާ ބޭރުގެ ކުންފުންޏަކަށް ވިއްކާލީއެވެ. އަދި ދިރާގުގެ ހިއްސާއަކީ ދިވެހި ރައްޔިތުންގެ ވަރަށް އަގުހުރި ހަރުމުދަލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިރާގުގެ ސަރުކާރު ހިއްސާ ބޮޑުކުރުމަކީ ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށާއި ރައްޔިތުންގެ ލާބައަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށް ރައީސް ވިދާޅުވިއެވެ. މި ބަދަލު ގެނައުމަށްޓަކައި ގާނޫނީ ގޮތުންނާއި މާލީ ގޮތުން ކުރަންޖެހޭ ދިރާސާތަކާއި މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

މި މަސައްކަތް ވަރަށް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި މިކަން ކާމިޔާބުކަމާއެކު ނިމިގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި މިކަމާ ގުޅޭ އިތުރު ތަފްސީލުތައް ކަމާބެހޭ ވުޒާރާތަކުން ހާމަކުރަމުންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ