ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ފެނަކަ އާއި އާރްޑީސީ އުވާލައި އެހެން ކުންފުނިތަކާ އެއްކޮށްލަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ފެނަކަ ކޯޕަރޭޝަނާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އުވާލައި، އެ ކުންފުނިތަކުން ކުރަމުން އައި މަސައްކަތްތައް ސްޓެލްކޯ އާއި އެމްޓީސީސީގެ ދަށަށް ބަދަލުކުރަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ފެނަކައިގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ހިންގާފައިވާ ކަންކަން އޮޑިޓާ ޖެނެރަލްގެ ރިޕޯޓުން ފެންނަން އެބައޮތް ކަމަށެވެ. ފެނަކައިގެ ހާލަތު ރަނގަޅު ކުރުމަށް މީގެ ކުރިން އެކި ފިޔަވަހިތަކަށް ބަހާލައިގެން މަސައްކަތްތަކެއް ކުރި ނަމަވެސް، އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަންކަން ނޫން ކަމަށް ފަންނީ ބޭފުޅުން ލަފާދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މިހާރު ނިންމާފައިވަނީ ފެނަކަ އުވާލުމަށްފަހު ސްޓެލްކޯއާ އެއްކޮށްލުމަށެވެ. އެއާއެކު މުޅި ރާއްޖޭގައި އެ ޚިދުމަތް ދެން ދެމުންދާނީ ސްޓެލްކޯއިންނެވެ. މީގެ އިތުރުން، މަގުހެދުމުގެ މަސައްކަތް ކުރާ އާރްޑީސީ އުވާލައި އެމްޓީސީސީއާ އެއްކޮށްލުމަށް ވެސް ވަނީ ނިންމާފައެވެ. އެމްޓީސީސީން ވެސް މަގުހެދުމުގެ މަސައްކަތް ކުރާތީ، ދެ ކުންފުނިން އެއް މަސައްކަތެއް ކުރުމުގެ ސަބަބުން ޚަރަދުތައް ވަރަށް ބޮޑަށް އިތުރުވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މި ބަދަލާއެކު އެމްޓީސީސީގައި އޮންނަ ސަރުކާރުގެ ހިއްސާ ބޮޑުވެގެންދާނެ ކަމަށާއި، ކުންފުނިތަކަށް ބޭނުންވާ މިންވަރަށް މުވައްޒަފުން ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި އިސްލާހީ ބަދަލުތައް ނިމޭއިރު މުވައްޒަފުންގެ ޖުމްލަ އަދަދު މަދުވެ، ކުންފުނިތަކުގެ ހިންގުން ހަރުދަނާވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ދަނޑުވެރިކަމުގެ ކުންފުނި، އެގްރޯ ނެޓް މިފްކޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ބަދަލުކުރުމަށް ވެސް ވަނީ ނިންމާފައެވެ. މި ބަދަލާއެކު، ދަތުރުވެރިންގެ މާރުކޭޓު ހުރި ބިމުގައި ތަރައްގީކުރާ މާލޭ ވެޓް މާކެޓް ކޮމްޕްލެކްސްގެ ހިންގުން މިފްކޯގެ ދަށަށް ބަދަލުވެ، މަސްވެރިންނާއި ދަނޑުވެރިންނަށް ގިނަ ފައިދާތަކެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މާކެޓުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ 10 އަށް ނިންމުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ރައީސް ވިދާޅުވީ މި ހުރިހާ ބަދަލެއްގެ ވެސް ބޭނުމަކީ ޚަރަދު ކުޑަ އަދި ހަރުދަނާ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކާއި އުމްރާނީ ތަރައްގީގެ މަސައްކަތްތައް ފޯރުކޮށްދިނުން ކަމަށެވެ. ކުންފުނިތަކާ ގުޅޭ މި ފިޔަވަޅުތައް އެޅުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމާބެހޭ އިދާރާތަކުން ކުރިއަށް އޮތް ދުވަސްތަކުގައި ކުރަމުންދާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ