މަހެއްގެ މައްޗަށް 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ ފަރާތްތަކުން އާސަންދައިގެ ޚިދުމަތް ހޯދާއިރު، ކޮންމެވެސް މިންވަރެއްގެ ފައިސާއެއް އަމިއްލައަށް ހިއްސާކުރަންޖެހޭ ގޮތަށް އާސަންދަ ނިޒާމަށް ބަދަލުތަކެއް ގެންނަން ނިންމަވައިފިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދައުލަތުން ފޯރުކޮށްދޭ އިޖުތިމާއީ ރައްކާތެރިކަމުގެ އެހީތަކަކީ އެންމެ ބޭނުންޖެހިފައިވާ މީހުންނަށް އަމާޒުކޮށްގެން ދެވޭ އެހީތަކަކަށް ހެދުމަކީ ދައުލަތުގެ ޚަރަދުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުޑަކުރުމަށްޓަކައި އެޅުން މުހިއްމު ފިޔަވަޅެއް ކަމަށެވެ. މިހާރު އޮންނަ އުސޫލުން މުއްސަނދިންނާއި ފަގީރުންގެ މެދުގައި އެއްވެސް ތަފާތެއް ނެތި އެންމެންނަށް ފުރިހަމަ ކަވަރޭޖް ލިބުމަކީ އެންމެ އެދެވޭ ގޮތް ނޫން ކަމަށް ރާއްޖެއާއި ބޭރުގެ މާހިރުންނާއި ސަރުކާރުންވެސް ގަބޫލުކުރާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ގެނެވޭ ބަދަލާއެކު، މަހަކު 60،000 ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ މީހުންނަށް ކުރިއަށް އޮތް ތަނުގައި އާސަންދައިން މުޅިން ހިލޭ ޚިދުމަތް ނުލިބޭނެއެވެ. އޭގެ ބަދަލުގައި އެފަދަ ފަރާތްތަކަށް ޚިދުމަތް ލިބޭނީ ކޯ-ޕޭ ނުވަތަ ޕްރީ-ޕޭ ނިޒާމެއްގެ ތެރެއިންނެވެ. މި ބަދަލުގެ ސަބަބުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 280 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށާއި، އެ ފައިސާ ރައްޔިތުންގެ އެހެނިހެން ބޭނުންތަކަށް ޚަރަދުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އިންކަމް ޓެކްސް ދައްކަންޖެހޭ ފަދަ ތަނަވަސްކަން ހުރި މީހުންނަށް ދައުލަތުގެ ޚަރަދުގައި ހުރިހާ ޚިދުމަތެއް ހިލޭ ދިނުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އާސަންދައަށް ގެންނަ މި ބަދަލަށް އަމަލުކުރަން ފަށާނީ އަންނަ އޮކްޓޫބަރު މަހުން ފެށިގެންނެވެ. މި ބަދަލާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުން ހާމަކުރަމުންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.