މަދަނީ އަދުލުގެ ނިޒާމު އަވަސްކުރުމަށް ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ހުށަހަޅަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމު ހަލުއިކޮށް، ކޯޓުތަކުގައި ހުރި މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި މަދަނީ އިޖުރާއާތުގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ކޯޓުތަކުގައި މައްސަލަތައް ދިގުލައިގެންދާ ދިއުމަށް ހައްލެއް ހޯދުމުގެ ގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ގާނޫނަށް އިސްލާހުތަކެއް ހުށަހަޅުއްވާނެ ކަމަށެވެ. އެގޮތުން، ކުދިކުދި މަދަނީ މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި "ސްމޯލް ކްލެއިމްސް ކޯޓު" އެއް ނުވަތަ އެފަދަ ނިޒާމެއް ގާއިމުކުރުމަށް ގާނޫނަށް ބަދަލު ގެންނަވާނެ ކަމަށް ވިދާޅުވިއެވެ. މި ނިޒާމުގެ ދަށުން 100,000 ރުފިޔާއަށް ވުރެ ކުދި މައްސަލަތައް ފަސޭހަކަމާއެކު ހުށަހަޅައި، އަވަސް ނިޔާއެއްގެ ތެރެއިން ނިންމާލެވޭނެ މަގު ފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ވިޔަފާރިތަކާ ގުޅުންހުރި މައްސަލަތައް ކޯޓުތަކުގައި ލަސްވަމުންދާ މައްސަލައަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، ޝަރުއީ ދާއިރާގެ ހިންގުން ހަރުދަނާކުރުމަކީ ވިޔަފާރިތަކަށް ލިބޭނެ ބޮޑު ލުޔެއް ކަމަށެވެ. އެހެންކަމުން، ސިވިލް ކޯޓުގައި ވަކި ކޮމާޝަލް ޔުނިޓެއް ހެދުމާއި ނުވަތަ މާކެންޓައިލް ކޯޓެއް ވަކިން އުފެއްދުމާ ގުޅޭގޮތުން ސަރުކާރުން ދިރާސާއެއް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މި ދިރާސާއަށް ފަހު، އެންމެ އެދެވޭ ގޮތެއް ކަނޑައަޅައި، އަންނަ އޮކްޓޯބަރު މަހު ފެށޭ ރައްޔިތުންގެ މަޖިލީހުގެ އައު ދައުރަށް އިސްލާހުތައް ހުށަހަޅުއްވާނެ ކަމަށް ރައީސް ހާމަކުރެއްވިއެވެ.

ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކޯޓުތަކަށް ނުފޫޒު ފޯރުވުމުގެ ކަންކަން މިހާރު މުޅިން ހުއްޓުވާފައިވާ ކަމަށެވެ. އަދި މާލީ ގޮތުން ކޯޓުތައް މިނިވަންކުރުމަށްޓަކައި ބަޖެޓު ގްރާންޓެއްގެ ގޮތުގައި ދީ، އަމިއްލައަށް ބަޖެޓު ތަންފީޒުކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އައު އިމާރާތެއް ހަމަޖައްސައިދީ، ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް ފަށާފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ