ދިވެހި މުޖުތަމައުގައި އިސްލާމީ ރިވެތި އަހުލާގާއި، އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ އާދަ އަލުން ދިރުވުމަށް ސަރުކާރުން ފަށާފައިވާ "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" ގެ މަޝްވަރާތަކުގައި ބައިވެރިވާން އިދިކޮޅު ސިޔާސީ ޕާޓީތަކުން ދެކޮޅު ހަދާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި މަޝްރޫއަކީ މުޅި ގައުމަށް ފައިދާހުރި، އެންމެންގެ ބައިވެރިވުން ބޭނުންވާ ކަމެއް ކަމަށެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން ބޭއްވި މަޝްވަރާތަކަށް ދައުވަތު އެރުވުމުން ވެސް އިދިކޮޅު ޕާޓީތަކުން އެކަމަށް އިޖާބަދީފައި ނުވާތީ އެމަނިކުފާނު ވަނީ ހިތާމަ ފާޅުކުރައްވާފައެވެ. ރައީސް ސިފަކުރެއްވި ގޮތުގައި މިއީ ޒިންމާދާރު ގޮތެއް ނޫނެވެ.
މި މަޝްރޫއާ ގުޅޭގޮތުން ވޭތުވެދިޔަ ދުވަސްތަކުގައި އެކި އިދާރާތަކާއި ޖަމިއްޔާތަކާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދާނެ ގޮތުގެ ތަފްސީލީ ޕްލޭނާއި ބަޖެޓު މިހާރު ވަނީ ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައެވެ. ފަސް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަޝްރޫއު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ކޮންމެ ރަށެއްގައި ނަސޭހަތާއި ޒިކުރުގެ ބޯޑުތައް ބެހެއްޓުމުގެ އެއް އަހަރު ދުވަހުގެ މަޝްރޫއެއް ވެސް ފައްޓަވާނެ ކަމަށް ރައީސް މިއަދު އިއުލާނު ކުރެއްވިއެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ބަޖެޓާއި ބައެއް ޖަމިއްޔާތަކުގެ އެހީތެރިކަމާ އެކުގައެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، ސަރުކާރުން ކުރާ ކޮންމެ ކަމަކަށް އިދިކޮޅު ހެދުމުގެ ބަދަލުގައި، ގައުމަށް ފައިދާހުރި ކަންކަމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.