އެފްއެޗްއޭއެމް އެގްޒިބިޝަނާއި ކަލިނަރީ ޗެލެންޖު ހުޅުމާލޭގައި ފަށައިފި

އެފްއެޗްއޭއެމް އެގްޒިބިޝަނާއި ކަލިނަރީ ޗެލެންޖު ހުޅުމާލޭގައި ފެށުން
އެފްއެޗްއޭއެމް އެގްޒިބިޝަނާއި ކަލިނަރީ ޗެލެންޖު ހުޅުމާލޭގައި ފެށުން ފޮޓޯ: ވިޒިޓްމޯލްޑިވްސް

"ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް" (އެފްއެޗްއޭއެމް) އެގްޒިބިޝަނާއި ކަލިނަރީ ޗެލެންޖު މިއަދު ހުޅުމާލޭގައި ފަށައިފިއެވެ.

ހުޅުމާލޭގެ މެންހަޓަން ގްރޭންޑްގައި ކުރިއަށްދާ މި ހަރަކާތް ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނިޔާޒެވެ. އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއި، އާ އީޖާދުތައް ދައްކާލުމުގެ އިތުރުން ދާއިރާގެ އިސް ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ފުރުސަތު ހުޅުވާލުމުގެ މަގުސަދުގައި ބާއްވާ ހަރަކާތެކެވެ.

މިއަހަރުގެ އެގްޒިބިޝަނުގައި 22 އަށް ވުރެ ގިނަ ގައުމުން 100 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވެއެވެ. މި ހަރަކާތުގެ ތެރެއިން ކާބޯތަކެއްޗާއި މެހެމާންދާރީގެ ދާއިރާއަށް ބޭނުންވާ އެންމެ ފަހުގެ ވަސީލަތްތަކާއި، ކެއްކުމުގެ ދާއިރާގެ ފެންވަރު ރަނގަޅު އުފެއްދުންތައް ދައްކާލުން ކުރިއަށްދާނެއެވެ.

މި ހަރަކާތުގެ ތެރެއިން ކުރިއަށްދާ އެފްއެޗްއޭއެމް ކަލިނަރީ ޗެލެންޖުގައި 60 އަށް ވުރެ ގިނަ ރިސޯޓުން 600 އަށް ވުރެ ގިނަ ބައިވެރިން ވާދަކުރެއެވެ. މި މުބާރާތުގައި ރާއްޖޭގެ ޓީމުތަކުގެ އިތުރުން އަވަށްޓެރި ސްރީލަންކާ، ޕާކިސްތާން، އައިއެޗްއެމް ޗެންނާއީ އަދި ޗެންނާއީ އަމްރިތާ އިންޓަނޭޝަނަލްގެ ޓީމުތަކުން ވެސް ބައިވެރިވެއެވެ.

މީގެ އިތުރުން ބަރިސްތާ ޗެމްޕިއަންޝިޕާއި، 30 ރިސޯޓެއްގެ ޓީމުތަކާއެކު ބާއްވާ ހައުސްކީޕިން މުބާރާތަކާއި، 35 ބައިވެރިންނާއެކު ބާއްވާ މޮކްޓެއިލް މުބާރާތެއް ވެސް ކުރިއަށްދާނެއެވެ. މި ހަރަކާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ