ފޯޅަވަހީގެ ސިޔާދަތާ ގުޅޭގޮތުން މަޝްވަރާކުރަން އިނގިރޭސި ބޮޑުވަޒީރަށް ރައީސް ދައުވަތު ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު،
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު،

ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހީގެ (ޗާގޯސް) ޖަޒީރާތަކުގެ ސިޔާދަތީ ބާރާ ގުޅޭގޮތުން ރަސްމީކޮށް މަޝްވަރާކުރުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފިއެވެ.

އިނގިރޭސި ބޮޑުވަޒީރު އެންޑްރޫ ބާންހަމްއަށް ރައީސް މިއަދު ފޮނުއްވި ސިޓީފުޅެއްގައި، ފޯޅަވަހީގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމުގެ އިޖުރާއާތު ކުރިއަށްގެންދިއުމަށް އިނގިރޭސި ސަރުކާރުން ނިންމާފައިވާ ނިންމުމާ މެދު ދިވެހިރާއްޖެއިން ކަންބޮޑުވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިނގިރޭސިވިލާތުން ދަނީ އެ ސަރަހައްދުގެ މުޅި ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމުގެ މަސައްކަތް އަލުން ފަށަމުންނެވެ.

ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ތާރީހީ ލިޔެކިޔުންތަކާއި ހެކިތަކުން ސާބިތުވާ ގޮތުގައި ފޯޅަވައްސަކީ ތާރީހީ ގޮތުން ރާއްޖޭގެ ބައެކެވެ. އެހެންކަމުން، އިނގިރޭސިވިލާތުގެ ސިޔާދަތުން އެ ރަށްތައް ވަކިކޮށް އެހެން ގައުމަކަށް ދޫކޮށްލާ ނަމަ، އެ ސަރަހައްދުގެ ސިޔާދަތީ ބާރު ލިބުން އެންމެ ހައްގުވެގެންވަނީ ދިވެހިރާއްޖެއަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިކަމާ ގުޅޭގޮތުން މީގެ ކުރިންވެސް ރައީސް ވަނީ އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރަށް ރަސްމީ ސިޓީފުޅެއް ފޮނުއްވާފައެވެ.

މި ސިޓީފުޅުގައި ފޯޅަވައްސާއި ރާއްޖެއާ ދެމެދު އޮތް ޖިއޮގްރަފީގެ ގާތްކަމާއި، ތާރީހީ އަދި ސަގާފީ ގުޅުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. މީގެ އިތުރުން، ކަނޑުގެ ސަރަހައްދުތައް ރައްކާތެރިކުރުމަށާއި އެ ސަރަހައްދުގައި ސައިންޓިފިކް ދިރާސާތައް ކުރުމަށް ރާއްޖެއިން އަބަދުވެސް ތާއީދުކޮށް އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ ދިވެހި ދައުލަތާއި ރައްޔިތުންގެ މަސްލަހަތުތައް ހިމާޔަތްކުރުމާއެކު، އިނގިރޭސިވިލާތާއެކު އިތުބާރު ހުރި އަދި ބިނާކުރަނިވި ގުޅުމެއް ބާއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މި މަޝްވަރާތަކުގެ ސަބަބުން އިންޑިއާ ކަނޑުގެ ސަލާމަތާއި ހަމަޖެހުމަށް ހިއްސާވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ