މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު މަސް ކުންފުނިތަކަށް 21،400 އަށްވުރެ ގިނަ ޓަނުގެ މަސް ކިރުވައިފި

ދާންދޫ މަސްވެރިންތަކެއް ކޫއްޑޫ އަށް މަސްކިރަނީ
ދާންދޫ މަސްވެރިންތަކެއް ކޫއްޑޫ އަށް މަސްކިރަނީ

މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް 21،438.5 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވާ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އަދި މި މުއްދަތުގެ ތެރޭގައި ރާއްޖެއިން 16،991 މެޓްރިކް ޓަނުގެ މަހާއި މަހުގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކަށް އެކްސްޕޯޓުކޮށްފައިވާ ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.

އެމްއެމްއޭއިން ކޮންމެ މަހަކު އެއްފަހަރު އާންމުކުރާ އިގުތިސާދީ ރިޕޯޓުތަކަށް ބަލާއިރު، މަސް ކުންފުނިތަކުން އެންމެ ގިނައިން ގަނެފައިވަނީ ކަޅުބިލަމަހާއި ބޮޑުކަންނެއްޔެވެ. އެގޮތުން ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި 16،230.4 މެޓްރިކް ޓަނުގެ ކަޅުބިލަމަސް ކުންފުނިތަކަށް ކިރުވާފައިވާއިރު، ބޮޑުކަންނެލީގެ ގޮތުގައި ގަނެފައިވަނީ 4،841 މެޓްރިކް ޓަނުގެ މަހެވެ.

ރާއްޖެއިން ބޭރުކުރި މަހުގެ ބާވަތްތަކަށް ބަލާއިރު، އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ތާޒާކޮށް، ފިނިކޮށްގެން ނުވަތަ ގަނޑުކޮށްގެން ބޭރުކުރި ރޯމަހެވެ. އެގޮތުން އެކްސްޕޯޓުކުރި މަހުގެ ތެރެއިން 13،083 މެޓްރިކް ޓަނަކީ ރޯމަހެވެ. މީގެ ތެރޭގައި ހިމެނެނީ 10،603 މެޓްރިކް ޓަނުގެ ކަޅުބިލަމަހާއި 2،471 މެޓްރިކް ޓަނުގެ ބޮޑުކަންނެއްޔެވެ.

މީގެ އިތުރުން، ޕްރޮސެސްކޮށްގެން ބޭރުކުރި މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދަޅުގައި ނުވަތަ ޕައުޗުގައި ބަންދުކޮށްގެން 2،702.4 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައިވެއެވެ. އަދި އެހެނިހެން ގޮތްގޮތަށް ޕްރޮސެސްކޮށްގެން ބޭރުކުރި މަހުގެ މިންވަރު އުޅެނީ 774.4 މެޓްރިކް ޓަނުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ