އަމީނީ މަގުގެ ފުރަތަމަ ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް މި ހަފުތާގައި ފަށަނީ

އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ

އަމީނީ މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެ މަގުގެ ފުރަތަމަ ސެގްމަންޓުގައި ތާރުއެޅުމުގެ ކުރިން ކުރަންޖެހޭ ތައްޔާރީތައް ނިމި، މި ހަފުތާގެ ތެރޭގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. މި މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި، ފުރަތަމަ ސެގްމަންޓުގައި އޭބީސީ އެޅުމާއި ޕްރައިމް ކޯޓު ސްޕްރޭކުރުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ވަނީ އެއްކޮށް ނިންމާލާފައެވެ.

އަމީނީ މަގުގެ މާފަންނާވީ ސަރަހައްދު މަރާމާތުކުރުމުގެ ބޮޑު މަޝްރޫއު ކުރިއަށްދަނީ ޣިޔާސުއްދީން ސްކޫލުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށެވެ. މީގެ ތެރެއިން މިހާރު މަސައްކަތް ކުރަމުންދާ ފުރަތަމަ ސެގްމަންޓަކީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ ޕާކާ ހަމައަށް އޮންނަ ގާތްގަނޑަކަށް 270 މީޓަރުގެ ސަރަހައްދެކެވެ. މި މަސައްކަތުގެ ތެރެއިން މަގުގެ އަޑީގައިވާ ޔުޓިލިޓީ ވިއުގަތަކަށް ބަދަލުތައް ގެނައުމާއި، ބަސް ހުއްޓާ ތަންތަން ތަރުތީބުކުރުމުގެ މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މިހާރު މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ތާރުއަޅައި ނިންމުމަށްފަހު އެ ބައި އާންމުންނަށް ހުޅުވާލާނެއެވެ. އެއަށްފަހު ދެން ފަށާނީ ސެގްމަންޓް 2 ގެ މަސައްކަތެވެ. އެއީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް އޮންނަ ސަރަހައްދެވެ. މި މުޅި މަޝްރޫއު ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގައި އެއްކޮށް ނިންމާލުމަށް ވަނީ އަމާޒު ހިފާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ